އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ބައިވެރިކޮށްފިނަމަ ޕްރައިމަރީ ބާތިލްކުރާނަން: އީސީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ބައިވެރިކޮށްފިނަމަ ޕްރައިމަރީ ބާތިލްކުރާނަން: އީސީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ބާއްވައިފިނަމަ އެ ޕްރައިމަރީއެއް ބާތިލްކޮށް ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގައިފިއެވެ.

އީސީއިން އެގޮތަށް ބުނީ ރިޔާސީ ޕްރައިމަރީއާ ބެހޭ ގޮތުން އެމްޑީޕީއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި އީސީއިން ބުނީ ޖަލު ހުކުމެއްގައި ހުރި ބޭފުޅަކަށް އެއްވެސް ރިޔާސީ ޕްރައިމަރީއެއްގައި ވާދަނުކުރޭވެނެކަމާއި އެފަދަ ޕްރައިމަރީ ބާތިލްކުރާނެކަމަށް އީސީއިން ކުރިން ތަކުރާރުކޮށް ބުނެފައިވާކަމަށެވެ.

އީސީއިން ބުނީ ކުރީގެ ރައީސް ނަޝީދަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާތީ އެމަނިކުފާނަށް އެއްވެސް ރިޔާސީ ޕްރައިމަރީއެއްގައި ވާދަނުކުރެވޭނެކަމަށާއި އެފަދަ ޕްރައިމަރީއެއް ބަލައި ނުގަންނާނެކަމަށެވެ.

އެހެންކަމުން ޝަރުތު ހަމަ ނުވާ ބޭފުޅަކު އެމްޑީޕީގެ ޕަރައިމެރީގައި ބައިވެރި ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށާއި ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ ފިޔަވަޅު އަޅާނެކަމަށް ވެސް އީސީއިން ބުންޏެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ހަމައެކަނި ކުރީގެ ރައީސް ނަޝީދެވެ. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައެވެ.



މިއަދު އޮންލައިން