އަވައްޓެރި ޝްރީ ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައި ގަތުމާ ގުޅިގެން ޑރ. މަޖީދު ލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.
އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު ބޮޑުވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު ޑރ. މަޖީދުގެ އާއިލާގެ ބޭފުޅުން ވަޑައިގެން ޝްރީ ލަންކާގައި ތިއްބެވިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން، ޑރ. މަޖީދު އަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ އަދާލަތު ޕާޓީގެ އެއް ބާނީ ވެސް މެއެވެ.
އެމަނިކުފާނު އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ޚުލްގުހެޔޮ، މަޑުމައިތިރި، އަޚްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެކެވެ.
މާތް ﷲ ޑރ. މަޖީދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ދެއްވާށި. އަދި ޑރ. މަޖީދުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.