ޑރ. ޢަބްދުލްމަޖީދުގެ މައްޗަށް ޣައިބުގަ ކަށުނަމާދުކުރުން މާދަމާރޭ ޢިޝާނަދަށްފަހު އިސްލާމީ މަރުކަޒުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 12ސ
ޑރ. ޢަބްދުލްމަޖީދުގެ މައްޗަށް ޣައިބުގަ ކަށުނަމާދުކުރުން މާދަމާރޭ ޢިޝާނަދަށްފަހު އިސްލާމީ މަރުކަޒުގަ!
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ޤްރްއާން ތަފްސީރުން ޕީއެޗްޑީ ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރު ޑރ އަބުދުލްމަޖީދު އަބުދުލްބާރީގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރުން މާދަމާ ރޭގެ ޢިޝާ ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި އޮންނާނެ ކަމަށް ޢާއިލާއިން ބުނެފިއެވެ.

ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވެދިނުމަށް ޢާއިލާއިން ވަނީ އެދިފައެވެ. ޑރ އަބުދުލްމަޖީދު އަބުދުލްބާރީގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު ސްރީލަންކާގައެވެ.

ތިރީގައި މިވަނީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި ބެހޭ ގޮތުން ވީނިޔުސްގައި ޝާޢިޢުކޮށްފައިވާ ރިޕޯޓެކެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ އަބުދުލްމަޖީދު އަބުދުލްބާރީ އަވާހަރަވީ ޚަބަރަކީ މުޅި ގައުމަށް ސިހުންގެނުވި ހިތްދަތި ޚަބަރެކެވެ. މިދިޔަ ހުކުރު ދުވަހު ޖެހިވަޑައިގެން ސްޓްރޯކަކާއި ގުޅިގެން ލަންކާ ހޮސްޕިޓަލްގައި އެޑްމިޓްކުރައްވާ ފަރުވާ ދެއްވަމުން ގެންދަވަނިކޮށް އެމަނިކުފާނު އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މުހިންމު ބައްދަލްވުމަކަށް ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގެން ޑރ މަޖީދު އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައެވެ.

އެމަނިކުފާނު ވަކިވެވަޑައިގަތުމުގެ ހިތްދަތިކަން މުޅި ރާއްޖެ މިއަދު ދަނީ ކުރަމުންނެވެ. އެމަނިކުފާނުގެ ޒިކުރާ ދަނީ އައުކުރަމުންނެވެ. އެންމެންވެސް އެމަނިކުފާނު ސިފަކުރަނީ ވަރަށް އަޚުލާގު ރަނގަޅު، މަޑުމައިތިރި، އަދި އެހާމެ ހިތްހެޔޮ މިތުރެއް"ގެ ގޮތުގައެވެ.

ޑރ މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި ދީނީ އިލްމުފެތުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސެވެ. ރާއްޖޭގައި 2008 ވަނަ އަހަރު އުފެއްދެވި އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ މިނިސްޓަރެވެ.

އެމަނިކުފާނު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޑރ މަޖީދަކީ ވަރަށް އިލްމުވެރި ބޭފުޅެކެވެ. ޕީއެޗްޑީން ފާސްވެވަޑައިގެންނެވީ އެއްވަނަ ދަރަޖާގައެވެ.

ޑރ މަޖީދު ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު މަދީނާގައި ތިއްބެވި ދިވެހި ދަރިވަރުންގެ ބެލެނިވެރިއަކީ އެމަނިކުފާނެވެ. ކިޔަވާ ވިދާޅުވަމުން، އާއިލާގެ ހުރިހާ ކަމެއްހެން ބައްލަވަމުން ދިވެހި ދަރިވަރުންގެ ކަންކަން އެމަނިކުފާނު ކުރައްވަވާފައިވަނީ ތައުރީފު ހައްގު މިންވަރަށެވެ. އެކުގައި ކިޔަވާ ވިދާޅުވި ހުރިހާ ބޭފުޅުންވެސް ވިދާޅުވާގޮތުގައި ޑރ މަޖީދު ބަހައްޓަވާ ގާތްކަމާއި، އެމަނިކުފާނުގެ އޯގާތެރިކަމުން ކިތަންމެ ކުޑަކަމެއް އަދި ކިތަންމެ ބޮޑުކަމެއް ދިމާވިނަމަވެސް އެކަމެއް އެންމެ ފުރަތަމަ ހިއްސާކުރަނީ ޑރ މަޖީދާއެވެ. ވަގުތުން އެކަމަކަށް ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ފައްޓަވައެވެ. ޑރ މަޖީދަކީ އެދުވަސްވަރު މަދީނާގައި ތައުލީމު ހާސިލުކުރައްވަމުން ގެންދެވި ހުރިހާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.

ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގަތުމަށްވެސް ޑރ މަޖީދުގެ އެހީތެރިކަން ދަރިވަރުންނަށް ލިބިގެންދިޔައެވެ. ޚާއްސަކޮށް ރާއްޖޭގައި އޭރު އިސްލާމީ ތައުލީމު އުނގެނެން ބޭނުންވެފައި ތިބި އެތަށް ދަރިވަރަކަށް ފުރުސަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ އިސް މަގާމުތައް ފުުރުއްވި ދުވަސްވަރު، ދީނީ އެކިއެކި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށް ޖަލުގައި ބަންދުކުރެވޭ ބޭފުޅުންނަށްވެސް އޯގާތެރިކަމާއެކު އެހީތެރިކަމެއް އަތް ދިއްކޮށްލައްވާ، ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވީ ޑރ މަޖީދެވެ. މިއަދު ރާއްޖޭގައި ތިބި ފުންނާބު އުސް އެތަށް ދީނީ އިލްމުވެރިނެއްގެ އުސްތާޒަކީ ޑރ މަޖީދެވެ. އެފަދަ ބޭފުޅުން ދީނީ ތައުލީމުން ކުރިއަށް ވަޑައިގަންނަވާ، ދީނުގެ ކަންކަން އޮޅުންފިލުވައިދިނުމާއި، ދަރުސް ދެއްވުމުގައި މިއަދު ފެންނަން ތިބުމުގެ އަސްލަކީ އެމަނިކުފާނެވެ.

ޑރ މަޖީދުގެ އެހީތެރިކަމާއި، ހެޔޮ ނަސޭހަތް އެތަށް ބަޔަކަށް ލިބިގެންގޮސްފައިވާއިރު، އެމަނިކުފާނަކީ އަބަދުވެސް އަދުލަށް ލޯބި ކުރެއްވި މީހުންނާއިމެދު ހަމަހަމަކޮށް ކަންކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަރިހުގައި މަސައްކަތްކުރެއްވި ކޮންމެ މުވައްޒިފަކާއި، އެމަނިކުފާނު ކިޔަވައި އެރުވި ކޮންމެ ދަރިވަރަކު އެކަމަށް ހެކިވެއެވެ. ޚާއްސަކޮށް އެއްވެސް މީހަކަށް "ދެރަކޮށް" އެއްޗެއް ވިދާޅެއްނުވެއެވެ.

އެމަނިކުފާނު ވަނީ ދީނީގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ތަފާތު އެކި ފޯރަމްތަކުގައި ދީނީ ތަގުރީރުދެއްވާ ދީނުގެ ކަންކަމާއިމެދު އާންމުންނަށް ރަނގަޅު ގޮތް ވިދާޅުވެދެއްވިއެވެ.

ޓީވީއާއި ރޭޑިއޯ މެދުވެރިކުރައްވާ އެތަށް ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދީނީ މައުލޫމާތު ފެތުރުއްވިއެވެ. އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން އިލްމުވެރިންނަށް ހަގީގީ މަގާމު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ދީނީ އިލްމުވެރިންގެ މަސައްކަތް ފުޅާކުރައްވަން ހިތްވަރު ދެއްވާ، އިލްމީ ދަރުސްތައް ގިނަ ކުރެއްވިއެވެ.

އެމަނިކުފާނު އަވަހާރަވީއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލޯ އެންޑް އިސްލާމިކް ސްޑަޑީޒްގެ ސީނިއާ ލެކްޗަރާއެއްގެ މަގާމުގައެވެ. ޑރ މަޖީދު ވަނީ ގައުމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖްގައި އެތަށް ދަރިވަރުންނަކަށް ކިޔަވައިދެއްވާފައެވެ. ދަރިވަރުންނަށް ބޭނުންވާނެ އިލްމީ އެތަށް ފޮތްތަކެއް ލިޔުއްވާފައެވެ. އަގުހުރި އެތަށް ލެކްޗަރުތަކެއް ދެއްވާފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތައާރަފުވުމާއިއެކު، އެ ނިޒާމުގެ ތެރެއިން އިސްލާމްދީނާއި، ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމަށް އެންމެ ފުރަތަމަ އިސްނެންގެވި ބޭފުޅަކީ ޑރ މަޖީދެވެ. ދީނީ އިލްމުވެރިންނާއި ގުޅިވަޑައިގެން އަދާލަތު ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ އެއީއެވެ. އެ ޕާޓީގެ ތަސައްވުރު އިސްލާމީ އުސޫލްތަކުގެ ތެރޭގައި ހިފަހައްޓަވާ، އެ މަސައްކަތާއި ގުޅިވަޑައިގަތުމަށް ދީނީ އިލްމުވެރިންނާއި، ދީނަށް ލޯބިކުރާ ފަރާތްތަކަށް ދައުވަތު ދެއްވި ބޭފުޅަކީ ޑރ މަޖީދެވެ.

އެމަނިކުފާނުގެ ވަކިވެވަޑައިގަތުމަށް މުޅި ގައުމު ހިތާމަކުރަނީ މި ސަބަބުތަކަށްޓަކައެވެ.

ސިޔާސީ އިސްލާހީ މަސައްކަތުގައި ވަރަށް ހަރަކާތްތެރި އަދި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ޑރ މަޖީދު ފެނިގެންދިޔައިރު، އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓަކުގައި އެމަނިކުފާނު ވަނީ އަނިޔާވެރިނުވުމަށް ވެރިންނަށް ގޮވާލައްވާފައެވެ. އަނިޔާ ލިބެމުންދާ ބޭފުޅުންނަށް ހިތްވަރު ދެއްވާ ހެޔޮ ދުއާކުރައްވާފައެވެ.
މިއަދު އޮންލައިން