ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދޭން އެޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ.
ކިކަމާގުޅިގެން ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޕީޕީއެމްގެ މިއަހަރުގެ ރިޔާސީ ޓިކެޓް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ދިނުމަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މިގޮތަށް ނިންމީ އަސާސީ ގަވާއިދުގެ 91 ވަނަ މާއްދާގައި ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީ އިން އެ ފުރުސަތު ދޭން ޖެހޭކަމަށް ބުނެފައި ވާތީ ކަމަށެވެ.
އިދިކޮޅު އެންމެބޮޑުޕާޓީ އެމްޑީޕީ އިން ދަނީ ރިޔާސީ ޓިކެޓްދިނުމަށް މި މަހުގެ 30 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ ބާއްވަންތައްޔާރުވަމުންނެވެ. އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ހަމައެކަނި ކުރީގެ ރައީސް ނަޝީދުއެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ ރައީސް ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ބާއްވައިފިނަމަ އެ ޕްރައިމަރީއެއް ބާތިލްކޮށް ފިޔަވަޅު އަޅާނެކަމަށެވެ.