އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު 10 އަކަށް އަަރައިފިއެވެ.
ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓާ ހަވާލާދީ ލަންކާ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެ ޤައުމުގައި މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވާކަމަށާއި 60000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުން އަންނަކަމަށާއި ހާލުގައި ޖެހިފައި ތިބި 23000 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ލަންކާއަށް ކުރަމުން މިދާ ވިއްސާރައިގައި ހާލުގައި ޖެހި އަސަރުކޮށްފައި ތިބި މީހުންނަށް އެހީވުމަށް އެ ޤައުމުގެ ސަރުކާރުން ދަނީ އެ ސަރަހައްދުތަކަށް ސިފައިން ފޮނުވަމުންނެވެ.
ލަންކާއަށް ކުރާ ވިއްސާރާގައި ފެން ބޮޑުވުމުގެ ސަބަބުން ލަންކާގެ ބައެއް ސަރަހައްދުތަކުގައި ރޭލްގެ ޚިދުމަތް ވެސް ވަނީ އިއްޔެއިން ފަށައިގެން ވަނީ ހުއްޓާލައިފައެވެ.