ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ޢިޝާ ނަމާދަށްފަހު، އަވަހާރަވި އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އަންގައިފިއެވެ.
މިކަން އަންގާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވި ސާރކިއުލާ އެއްގައިވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މަޖީދު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ވެސް ހުކުރުކުރާ މިސްކިތުގައި، މިރޭގެ ޢިޝާނަމާދަށްފަހު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށެވެ.
ޑރ. މަޖީދު އަވަހާރަވީ އިއްޔެ މެންދުރުފަހު 14:50 ހާއިރު، ލަންކާގެ ހޮސްޕިޓަލެއްގައެވެ. އެމަނިކުފާނު އެހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކުރެވުނީ މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުން ނެވެ.
އެމަނިކުފާނު ފަސްދާނުލެވިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ކޮލޮމްބޯ-4 ގެ ޖަވާތާ ޖުންމާ މިސްކިތުގައި ކަށުނަމާދަށްފަހު، އެމިސްކިތުގެ ސަހަރާގައެވެ.