ގިނަ އަދަދެއްގެ ހިރޮއިންއާއެކު ދިވެއްސަކު ލަންކާ އެއާޕޯޓަކުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ގިނަ އަދަދެއްގެ ހިރޮއިންއާއެކު ދިވެއްސަކު ލަންކާ އެއާޕޯޓަކުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހިރޮއިންއާއެކު ދިވެއްސަކު ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ގައި ހުއްޓައި ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗާއެކު ބީއައިއޭ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެއްސެއްކަމަށެވެ. ނަމަވެސް އެ މީހެއްގެ ވަނަވަރުގެ އިތުރު ތަފުސީލެއް ލަންކާގެ ނޫސްތަކުގައި ހާމަކޮށްފައެއް ނެތެވެ.

ލަންކާގެ ފުލުހުން ބުނީ، ބީއައިއޭ އެއާޕޯޓްގައި ހުއްޓައި ފުލުހުން ގޮސް އޭނާ އަތުލައިގަތްއިރު، އޭނާގެ އަތުން 2.39 ކިލޯގެ ހިރޮއިން ފެނިފައިވާކަމަށެވެ. އަދި އެ ތަކެތީގެ އަގު 24.4 މިލިއަން ލަންކާ ރުޕީސްއަށް އަރާނެކަމަށް ލަންކާ ފުލުހުން ބުނެއެވެ. އެއީ ގާތްގަނޑަކަށް ދެ މިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ލަންކާގެ މިނުވަންގޮޑަ ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށާއި ލަންކާ ފުލުހުން އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ފާއިތުވި ހަފުތާ ތެރޭގައި ވެސް ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސްތަކަކާއެކު ދެ ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފައިވެއެވެ. އެ ތަކެތީގެ އަގު ނުވަ ލައްކަ ދިވެހި ރުފިޔާއަށްވުރެ ބޮޑުކަމަށްވެއެވެ. 1925 ޕާޓީ ޑްރަގްސް ގުޅަތަކާއެކު އެ ފަހަރު ހައްޔަރުކުރީ 19 އަހަރުގެ ދިވެއްސަކާއި 25 އަހަރުގެ ދިވެއްސެކެވެ.
މިއަދު އޮންލައިން