މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ރާއްޖޭގެ އެންމެ އުތުރު ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 10:30 އިން ފެށިގެން މިއަދު ހަވީރު 16:30 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރު މިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.