34 މީހުންނާއިއެކު ދަތުރު ކުރަމުން ދިޔަ ސަފާރީއެއް ފަރަށް އަރައިފި
"މަޒައިފް" ނަމަކަށް ކިޔާ ސަފާރީއާއި އޭގެ ޑައިވިން ދޯނި ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގިއިރު މިސަފާރީ ގައި 34 މީހުން ދަތުރު ކުރަމުން ދިޔައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެސަފާރީ ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:42 ހާއިރުއެވެ. އެސަފާރީގައި ތިބީ 17 ފަރުތުވެރިންނާއި 17 ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއާޓާރޒްގައި ބޭނުންކުރާ ހާބަރ ކްރާފްޓް ލޯންޗުވަނީ ޕަމްޕާއި ޑައިވަރުންގެ ޓީމަކާއިއެކު އެސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ.
ފަރަށް އެރި ސަފާރީއާއި އޭގެ ޑައިވިން ދޯނި ފުން ކުރެވުނީ މިއަދު ހެނދުނު 7:58 ހާއިރު އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.