ޑރ. މަޖީދު އަވަހާރުވުމުގެ ހިތާމައިގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފި
ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވުމުގެ ހިތާމައިގައި އިސްލާމިކް މިނިސްޓްރީ ގެ ފަރާތުން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހުޅުވާލި މިދަފްތަރުގައި މިއަދު ހެނދުނު 11:00 އިން ފެށިގެން ސޮއިކުރެވޭނެ އިންތިޒާމްވެސް އެމިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިދަފްތަރު ހުޅުވިފައި ހުންނާނީ 31 މެއި ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 12:00 އާއި ޖެހެންދެނެއެވެ.
ޑރ. މަޖީދު އަވަހާރުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު ރޭ ޢިޝާ ނަމާދު ވަގުތަށްފަހު އިސްލާމީ މަރުކަޒުގައާއި ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށްތަކެއްގެ ހުކުރުކުރާ މިސްކިތްތަކުގައި ވެސް ކޮށްފައިވެއެވެ.
އުމުރުންފުޅުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވީ، ލަންކާގައި ހުންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހި ވަޑައިގެން، އެޤައުމުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވީއިރު، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ލަންކާގައި ތިއްބެވިއެވެ.
ޑރ. މަޖީދު އަވަހާރަވީ މިމަހުގެ 22 ވީ އަންގާރަ ދުވަހުއެވެ. ފަސްދާނުލެވުނީ އިއްޔެގެ މެންދުރު ނަމާދަށްފަހު ލަންކާގެ ވެރިރަށް ކޮލޮމްބޯ-4 ގެ ޖަވާތާ ޖުންމާ މިސްކިތުގައި ކަށުނަމާދު ކުރެވުމަށްފަހު، އެމިސްކިތުގެ ސަހަރާގައެވެ.
މާތް ވެގެންވާ ދެ ޙަރަމްފުޅު ކަމުގައިވާ މައްކާ އަދި މަދީނާގައި ވެސް ޑރ. މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވުނެވެ. އެގޮތުން މައްކާގައި ކަށުނަމާދު ކޮށްފައިވަނީ މަސްޖިދުލް ޙަރާމް ގައެވެ. އަދި މަދީނާ ގައި މަސްޖިދުލް ނަބަވީ ގައެވެ.