ޔޫވީ އަތުން ލިބުނު އުނދަގޫ މޮޅާއެކު ނިއު އެއްވަނައިގައި ހަމަޖެހިލައިފި
އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުން ލިބުނު އުނދަގޫ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާއެކު ނިއު ހަމަޖެހިލައިފިއެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ނިއު ލީގުގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީއަށް ވެސް 18 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސްއަށް ކުރި ލިބެނީ ލަނޑު ފަރަޤުންނެވެ. އޭގެ އިތުރުން، ރޭގެ މެޗުން ބަލިވި ޔޫވީއަށް ވަނީ ގަދަ ހަޔެއްގެ ޖާގަ ހޯދުމަށް ކުރަމުން އައި މަސައްކަތަށް އިތުރު ހުރަހެއް އައިސްފައެވެ. ޔޫވީ އޮތީ 7 ޕޮއިންޓް ލިބިގެން ހަތްވަނައިގައެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ނިއުގެ ޖޯޖް ގޮޓޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ޔޫވީގެ އިސްމާއިލް ޝަފީއުއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އޭގެ ފަހުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ޔޫވީ ކުޅުނީ ވަރަށް ބޮޑަށް ފަހަަތަށް ޖެހިގެންނެވެ. މި ހާފުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނިއުއިން ޔޫވީގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ނިއުއަށް ޔޫވީގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ނިއުގެ އިސް އެއް ފޯވާޑް ޢަލީ އަޝްފާޤު (ދަނގަޑޭ) ކުޅެން އެރުމަށްފަހު، ނިއުގެ ފަރާތުން ޔޫވީގެ ގޯލަށް ނުރައްކާ ބޮޑުވިއެވެ. އެ ގޮތުން އުފައްދަމުން ދިޔަ ހަމަލާއެއްގައި، ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އަރިމަތިން ނެގި ހުރަހެއް ގޮސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ނިއުގެ ކުޅުންތެރިން ޔޫވީގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ ޔޫވީގެ ގޯލްކީޕަރު ތޮލާލް ހުސައިން (ޓޮޕްލަޗް) އެވެ.
މި މެޗުގައި ނިއުއަށް ހަމަ ނޭވާއެއް ލެވުނީ މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުމުންނެވެ. މެޗުގެ ރެފްރީ ނިއުއަށް ޕެނަލްޓީ ދިނީ ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ޑިފެންޑަރު އަރުތޫރު މުލަޑްޒަނޯވް ދަގަނޑޭ ވައްޓާލުމާ ގުޅިގެންނެވެ. ނަމަވެސް މެޗުގެ ރެފްރީގެ އެ ނިންމުމާ ގުޅިގެން ޔޫވީގެ ކުޅުންތެރިން ވަނީ ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޔޫވީގެ ކުޅުންތެރިން ވަނީ ދަަގަނޑޭ ޑައިވްކުރީކަމަށް ބުނެ މެޗުގެ ރެފްރީއާ ޝަކުވާކޮށްފައެވެ. އެހެން ނަމަވެސް، ރެފްރީ ވަނީ ނިއުއަށް ޕެނަލްޓީއަށް ދީފައެވެ. ލިބުނު އެ ޕަނަލްޓީ ކާމިޔާބުކޮށް ނިއުއަށް މެޗުގެ ލީޑު ނަގައިދިނީ ސެންޓޭއެވެ.
މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.