މަޝްހޫރު ވިޔަފާރިވެރިޔާ އެމިޓީ ސޭޓު ނިޔާވެއްޖެ
ރާއްޖޭގައި ފޮތީގެ ވިޔަފާރީގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމިޓީ ފިހާރައިގެ ވެރިޔާ މުހައްމަދު ހަސަންފުޅު (އެމިޓީ ސޭޓު) ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމިޓީ ސޭޓު ނިޔާވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ނިއުމޯނިއާއަށް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. އޭނާގެ ހާލު ބޮޑުވެ، އެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މި މަހުގެ 15 ވަނަ ދުވަހުގައެވެ.
އުމުރުން 77 އަހަރުގައި އެމިޓީ ސޭޓު ނިޔާވިއިރު، އޭނާގެ ފަސް ފިހާރައެއް އެބަހުއްޓެވެ. އެއީ މާލޭގައި ހުންނަ ތިން ފިހާރައަކާއި، ރ.އަތޮޅުގައި ހުންނަ ދެ ފިހާރައެކެވެ.
ސޭޓު ނިޔާވިއިރު، އޭނާގެ ނުވަ ދަރިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ. މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ.ޢަލީ ޝަހީދަކީ ވެސް އެމިޓީ ސޭޓުގެ ބޭފުޅެކެވެ.