3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ކިޔުމަށް ހޭދަވާނީ 59ސ
3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް އާރަށް ކައިރިއަށް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާރަށް ކައިރިއަށް ދޯންޏެއް ބަންޑުން ޖެހުނުކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ދޯނި ބަންޑުން ޖެހިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބިކަމަށާއި ދޯނި ބަންޑުންޖެހިއިރު އެ ހިސާބުން ލާފައިދިޔަ ލޯންޗަކަށް ފެނިގެން ނަގައި, ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެނގިފައިވެއެވެ. ތިން މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފަށް ވެސް އެ ހާދިސާ ހިނގައިފިކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސިފައިން އެ ދޯނި ކައިރީގައި ހަރަކާތްތެރިވާން ފަށައިފިކަމަށެވެ. އަދި އެ ދޯނީގެ ވެރިފަރާތުން "ސީ ކިންގް" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ކަފު ޖަހައިގެން އެ ދޯނި ހުޅުމާލެއަށް ވެއްދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލެއިން އަކިރިފުށި ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް އާރަށް ކައިރިއަށް ބަންޑުން ޖަހާލާފައިވަނީ "ހަވާ" ނަމަކަށް ކިޔާ 55 ފޫޓުގެ ދޯންޏެކެވެ.
މިއަދު އޮންލައިން