މޫސުން ގޯސްވެ ބައެއް އަތޮޅުތަކުގެ އެމްޓީސީސީ ފެރީ ކެންސަލް

ކިޔުމަށް ހޭދަވާނީ 1މ 14ސ
މޫސުން ގޯސްވެ ބައެއް އަތޮޅުތަކުގެ އެމްޓީސީސީ ފެރީ ކެންސަލް
ރާއްޖެއަށް މިހާރުކުރަމުންދާ ގަދަ ވިއްސާރާގައި މޫސުން ގޯސްވެފައިވާތީ އެމްޓީސީސީއިން އަތޮޅުތަކުގައި ދޭ ފެރީ ޚިދުމަތް ބައެއް އަތޮޅުތަކުގައި މެދުކަނޑާލައިފިއެވެ.

އެމްޓީސީސީއިން މިއަދު ބުނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށް 14 ފެރީއެއް ކެންސަލްކޮށްފައިވާކަމަށެވެ. އޭގެ އިތުރުން، މާލެއިން ކ.ކާށިދޫއާ ދެމެދު ދަތުރުކުރާ ފެރީއާއި، މާލެއިން އއ.ތޮއްޑޫއާ ދެމެދު ދަތުރުކުރާ ފެރީއާއި، މާލެއިން ވ.ރަކީދޫއާ ދެމެދު ދަތުރުކުރާ ފެރީ ވެސް ކެންސަލްކޮށްފައިވެއެވެ. އަދި ގއ.އަތޮޅަށް ކުރާ 3 ފެރީއެއް ކެންސަލްކޮށްފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 16:45 އަކަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މެޓް އޮފީހުންވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް މިކަމަށް ސަމާލުވުމަށް ވެސް އެދިފައެވެ. އަދި ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.








މިއަދު އޮންލައިން