މެލޭޝިއާގެ މަޖިލިސް މެންބަރެއްގެ ގެއިން ދިވެހި ފައިސާތަކެއް ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 42ސ
މެލޭޝިއާގެ މަޖިލިސް މެންބަރެއްގެ ގެއިން ދިވެހި ފައިސާތަކެއް ހޯދައިފި
މެލޭޝިއާގެ ކުރީގެ ސަރުކާރުގެ އިއްތިހާދުގެ ޔުމްނޯ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރު ޢަބްދުލްއަޒީޒު ޖަމާލް ޢަބްދުލްރަހީމްގެ ގެ ފާސްކޮށްގެން ފެނުނު ގިނަ އަދަދެއްގެ ފައިސާތަކުގެ ތެރެއިން ދިވެހި ފައިސާ ވެސް ހިމެނޭކަމަށް މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ޢަބްދުލްއަޒީޒުގެ ގެއާއި އޭނާގެ ބެލުމުގެ ދަށުގައި ހުރި ދެ ތަނެއް މެލޭޝިއާގެ އެސީސީއިން ފާސްކުރިއިރު، އެ ތަންތަނުން 500000 މެލޭޝިއަން ރިންގެޓާއި 400000 ރިންގެޓަށްވާ އަދަދަށް އެހެން ޤައުމުތަކުގެ ފައިސާ ފެނިފައިވެއެވެ.

އޭސީސީއިން ހޯދި އެހެން ޤައުމުތަކުގެ ފައިސާގެ ތެރޭގައި ތެރޭގައި ދިވެހި ރުފިޔާގެ އިތުރުން އެމެރިކަން ޑޮލަރާއި، ބްރިޓިޝް ޕައުންޑާއި، ޔޫރޯއާއި، އިންޑޮނޭޝިއާ ރުޕީއާއި، ސައުދީ އަރަބިއާ ރިޔާލް ހިމެނޭކަމަށް މެލޭޝިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މެލޭޝިއާގެ އޭސީސީއިން އެ މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ޢަބްދުލްއަޒީޒު ވިދާޅުވީ 500000 ރިންގެޓަކީ އޭނާ ނިސްބަތްވާ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ޕާޓީ އެކައުންޓުން ނަގާފައިވާ ފައިސާކަމަށާއި އެހެން ޤައުމުތަކުގެ ފައިސާތަކަކީ އޭނާ އެ ޤައުމުތަކަށް ކުރި ދަތުރުތަކުގައި ހޯދާފައިވާ ފައިސާތަކެއްކަމަށެވެ.

ޢަބްދުލްއަޒީޒަކީ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤުގެ ސަރުކާރުގައި ޔުމްނޯގެ ސުޕްރީމް ކައުންސިލްގެ މެންބަރުކަމާއި މެލޭޝިއަން ހައްޖު ޕިލިގްރިމްސް ފަންޑު ބޯޑުގެ ޗެއާމަންކަމުގެ މަޤާމު ފުރުއްވެވި ބޭފުޅެކެވެ.

މެލޭޝިއާގައި އެންމެ ފަހުން ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި، އެ ޤައުމުގެ ބޮޑުވަޒީރުކަމަށް މަހާތިރު މުހައްމަދު ވަޑައިގެންނެވި ފަހުން ގެންދަވަނީ ނަޖީބު ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީޤުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މަހާތިރަކީ 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ ޤައުމުގެ ބޮޑުވަޒީރުކަމަށް މަހާތިރު އަލުން އިންތިޚާބުވެވަޑައިގަތީ އުމުރުން 92 އަހަރުފުޅުގައެވެ. އެއަށްފަހު މަހާތިރު ވެވަޑައިގެންފައިވަނީ ދުނިޔޭގެ އެންމެ ދޮށީ އުމުރުގައި އިންތިޚާބުވެވަޑައިގަތް ލީޑަރަށެވެ.


މިއަދު އޮންލައިން