މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބްރިޖް މެދެވެރިކޮށް ގުޅުވާލުމުގެ މަސައްކަތް ޗައިނާގެ ޗައިނާ ހާބާ އިންޖީނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފިއެވެ.
މާލޭ ވޯޓާ ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ސީއެޗްއީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ޒެން ނަން ހައިއެވެ.
އެމްޑަބްލިޔުއެސްސީއިން 1.6 މިލިއަން ޑޮލަރަށް ޗީއެޗްއީސީއާ ހަވާލުކުރި މި މަސައްކަތުގެ ދަށުން މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖާއި ހުޅުލެ-ހުޅުމާލެ ލިންކްރޯޑް މެދުވެރިކޮށް ފެނުގެ ނިޒާމް ގުޅުވުމަށް ވޯޓާ ޕައިޕްލައިން އެޅުމުގެ މަސައްކަތާއި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތްކުރާނެއެވެ. އެ މަސައްކަތް ނިމުމާއެކު މާލެއާއި ހުޅުމާލެއަށް ބޭނުންވާ ފެން ކޮންމެ ވަގުތެއްގައި ވެސް ބްރިޖް މެދުވެރިކޮށް ޕަޕްކުރެވި މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލެވޭނެއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ މާލެއާއި ހުޅުމާލެ ފެނުގެ ނިޒާމް ގުޅާލުމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެކަމަށާއި އެ މަސައްކަތަށް ބޭނުންވާ ސާމާނުތައް މާލެއަށް ގެނެސްފައިވާކަމަށެވެ. އެހެންވެ ބްރިޖްގެ ތަނބުތައް ގުޅާލުމާއެކު މި މަސައްކަތް ފެށިގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލެއާއު ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް މުޅިން ނިމޭނެކަމަށެވެ.