އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ވާ، ރާއްޖޭގައި ވެސް އުޅޭ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި އިންޑިއާގައި ނިޕާ ވައިރަސް ފެތުރެމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ނުހަނު ގާތުން އެކަން ބައްލަމުންދާ ކަމަށެވެ.
މިހާތަނަށް އަދި ރާއްޖެއިން މިބަލި ފެނިފައިނުވި ނަމަވެސް، އަވައްޓެރި ޤައުމުތަކުގައި މިބަލި ފެތުރުމުގެ ސަބަބުން، އަދި ނިޕާ ވައިރަސް ފަތުރާ ވާ ރާއްޖޭގައިވެސް އުޅުމުގެ ސަބަބުން މިބަލި ރާއްޖެއަށް ވެސް އައުމުގެ ފުރުސަތު އެބައޮތް ކަމުގައި ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެހެންކަމުން އެގްރިކަލްޗަރ މިނިސްޓްރީގެ ލަފާއާއެކު އެއިދާރާއިން ދަނީ ހާލަތު މޮނިޓަރ ކުރަމުން ކަމަށާއި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.