އަރަބި ކަނޑުގައި އުފެދިފައިވާ ނުރައްކާތެރި ތޫފާން "މެކުނު" ގެ ސަބަބުން އޮޮމާން ގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
"އަރަބި ނޫހުގައި" ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން މިތޫފާނުގެ ސަަބަބުން މަރުވެފައިވަނީ އޮމާން ގެ އުމުރުން 12 އަހަރުގެ ކުޑަކުއްޖެކެވެ. އޭގެ އިތުރުން ޔަމަންގެ ރަށެއް ކަމުގައިވާ ސޮކޮތްރާ އިން 40 މީހުން ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަތިހުގެ ވަގުތެއްގައި އޮމާން އަށާއި ޔަމަނަށް ކޮށްފައިވާ ތޫފާން "މެކުނު" ގެ ސަބަބުން، އެދެ ޤައުމަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ އިތުުރުން އެކި ސަރަޙައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވެއެވެ.
އޮމާން ގެ ފުލުހުން ބުނިގޮތުގައި މަރުވި ކުޑައަންހެން ކުއްޖާ މަރުވީ، ތޫފާނުގެ ސަބަބުން ވެއްޓުނު ފާރެއްގެ ދަށުވެގެންނެވެ.
ޔޫއޭއީ ގެ މޫސުމާއި ބެހޭ އިދާރާގެ ޑައިރެކްޓަރ އޮފް މީޓިއޮރޮލޮޖީ މުޙައްމަދު އަލް އެބްރީ ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 12 ގަޑިއިރުތެރޭ ތޫފާނު "މެކުނު" އޮމާންގެ ދެކުނު އައްސޭރިފަށާއި ދިމާލަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.