ދެ ފަނޑިޔާރުންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 48ސ
ދެ ފަނޑިޔާރުންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 13:00 ގައެވެ. ފަނޑިޔާރު ޢަލީ ހަމީދުގެ އިސްތިއުނާފު އަޑުއެހުން އެ ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.

ދަށު ކޯޓުތަކުގެ ދެ ފަނޑިޔާރަކަށް ނުފޫޒުފޯރުވިކަމަށް ސާބިތުވެ، ޢަބްދުﷲ ސައީދާއި ޢަލީ ހަމީދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނިލް ކޯޓުން އިއްވީ މި މަހުގެ ތެރޭގައެވެ. އެ ހުކުމް ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މާދަމާއަށް ތާވަލުކުރި އަޑުއެހުމަކީ އެ ޝަރީއަތުގެ ދެވަނަ އަޑުއެހުމެވެ.

އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދެ ފަނޑިޔާރުންގެ ފަރާތުން ވެސް ވަކީލުން ވަނީ ދަށު ކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހޭކަން ފާހަގަކުރައްވައި ގިނަ ނުކުތާތަކެއް ހުށަހަޅުއްވައިފައެވެ. މާދަމާ ބާއްވާ އަޑުއެހުމުގައި އެ ނުކުތާތަކަށް ތަފުސީލުކޮށް ވާހަކަދެއްވުމަށް ދެ ފަނޑިޔާރުންގެ ވަކީލުންނަށް ފުރުސަތު ދެއްވާނެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، ދެ ފަނޑިޔާރުންގެ އިސްތިއުނާފު މައްސަލަ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެއެވެ. އަދި ހައި ކޯޓުން މައްސަލަ ނިމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިނަމަ، އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމަންޖެހޭނެއެވެ.

ދެ ފަނޑިޔާރުންގެ އިސްތިއުނާފު މައްސަލަތައް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުން ވެސް ފަނޑިޔާރުކަމުގެ މަޤާމުން އޮޓަމެޓިކުން ވަކިވާނެއެވެ.

ޢަބްދުﷲ ސައީދާއި ޢަލީ ހަމީދުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ ގޮތުން ޓެރަރިޒަމްގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅިކަމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.

މިއަދު އޮންލައިން