ޢަލީ ވަޙީދު ޖޭޕީއަށް- ޖޭޕީގެ ޚާއްޞަ ޖަލްސާއެއް މިރޭ 9:30 ގައި ވީޓީވީއިން ލައިވްކުރާނެ

ކިޔުމަށް ހޭދަވާނީ 2މ 21ސ
ޢަލީ ވަޙީދު ޖޭޕީއަށް- ޖޭޕީގެ ޚާއްޞަ ޖަލްސާއެއް މިރޭ 9:30 ގައި ވީޓީވީއިން ލައިވްކުރާނެ
ޖަރަމަން ވިލާތުގައި ޖުމްހޫރީ ޕާޓީން ބާއްވާ ޚާއްޞަ ޖަލްސާއެއް މިރޭ 9:30 ގައި ވީޓީވީއިން ލައިވްކޮށް ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

ޖަރުމަން ވިލާތުގައި ބާއްވާ އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ބައިވެރިވަޑައިގަންނަވާނެއެވެ. އެ ޖަލްސާއާ ބެހޭގޮތުން ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޭޕީގެ ޚާއްޞަ ޖަލްސާއެއް މިރޭ 9:30 ގައި ވީޓީވީއިން ލައިވްކުރާނެކަމަށާއި ޖަލްސާގެ ކުޅި ރަހައާއި ފޮނި ރަހަ ވެސް ހެޔޮވަރުވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ޤާސިމް ކުރެއްވި އެ ޓްވީޓާއެކު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޢަލީ ވަހީދާއެކު ޤާސިމް ނަގާފައިވާ ފޮޓޯއެއް އެޓޭޗްކުރައްވައިފައެވެ.

ޢަލީ ވަހީދު ވެސް ވަނީ މިރޭ 9:30 ގައި ވީޓީވީއިން ލައިވްކުރާ ޖަލްސާއިން ފެނިވަޑައިގަންނަވާނެކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ. ޢަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޕީޖީ ލީޑަރަށް ކާމިޔާބަށް އެދޭކަމަށާއި މި ވަގުތަށް ވަކިވެލީކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންނަށް ހިތުގެ އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށް އެ ޓްވީޓްގައި ޢަލީ ވަހީދު ވިދާޅުވިއެވެ. ޢަލީ ވަހީދުގެ ޓްވީޓްގައި ވެސް ވަނީ ޤާސިމާއި އެ ބޭފުޅާގެ ފޮޓޯއެއް އެޓޭޗްކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި، ޖަރުމަނުގައި މިރޭ ބާއްވާ ޖަލްސާގައި ސިޔާސީ ދާއިރާގައި ފުންނާބު އިސް ބޭފުޅެއް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެކަމަށެވެ. އަދިވެސް ބައެއް ބޭފުޅުން މިރޭގެ ޖަލްސާގައި އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނެއެވެ. ބެލެވޭ ގޮތުގައި، މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއާ އަލަށް ސޮއިކުރައްވާނެ އެއް ބޭފުޅަކީ ޢަލީ ވަހީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ޢަލީ ވަހީދު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހުގައި ޑީއާރުޕީގައެވެ. ޢަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައެވެ. އެއަށްފަހުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމު ވެސް ފުރުއްވި ޢަލީ ވަހީދު ވަނީ ޕާޓީގެ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި އުޅުއްވައިފައެވެ.


މިއަދު އޮންލައިން