ތޮއްޑޫ ދާއިރާގެ މެންބަރުކަމާއި ސިޔާސީ ގިނަ ޕާޓީތަކެއްގެ އިސް މަޤާމުތައް ފުރުއްވާފައިވާ އަލީ ވަޙީދު ޖޭޕީ އާއި ގުޅިވަޑައިގަތުމަށް މިރޭ ޖަރުމަން ވިލާތުގައި ބޭއްވި ޖޭޕީގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ ދުނިޔޭގެ، ތަހުޒީބު މުޖުތަމައުތަކުގައި ކާމިޔާބުކަމާއިއެކު ސިޔާސީ ޕާޓީތައް ހިންގަމުން ގެންދާ އުޞޫލުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އިރާދަކުރެއްވިއްޔާ އަންނަ ޖޫން މަހުގެ ފަހު 10 ގައި ޖޭޕީގެ ކޮންގްރެސް ބާއްވަވާނެ ކަމަށެވެ. "ކޮންގްރެސްގައި ޕާޓީގެ އަސާސީ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ. ޕާޓީގެ ރައީސްގެ މަޤާމުވެސް އުފެއްދޭނެ. މެންބަރުންނަށް ކުރިއަށް ދެވޭނެ ވަރަށް ގިނަ ފުރުޞަތުތައް އިތުރަށް ފަހިކުރެވިގެންދާނެ."
ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމަށެވެ. ސަބަބު ބަޔާންކޮށްދެއްވަމުން ވިދާޅުވީ ޖޭޕީ އާއި ނުލައި، ޖޭޕީބައިވެރިނުވެ، ޖޭޕީގެ އެހީތެރިކަން ނުލިބި އެއްވެސް ޕާޓީއަކަށް ވެރިކަމަށް އާދެވިފައި ނެތް ކަމަށެވެ. "އެހެންވެ ގިނަ ބައަކު ކަންބޮޑުވަނީވެސް. ރުޅިއައިސް ހަސަދަވެރިވަނީ ވެސް."
ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަކީ ޖޭޕީގެ ލީޑަރު ނޫން ކަމަށް ބައަކު ބުނި ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ. އެމަނިކުފާނަށް ކޯޓުން އިއްވި "ޙުކުމް" ގެ މައްސަލަ މަތީ ކޯޓުތަކުން ފައިޞަލާކޮށް އަދުލުވެރި ޙުކުމެއް އިއްވަންދެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ދުސްތޫރީ އެއްވެސް ޙައްޤަކަށް އުނިކަން ނުގެނެވޭނެ ކަމަށެވެ. އަދި 3 މަރުހަލާ ނިމެންދެން މާމިގިލި ދާއިރާގެ މެންބަރުކަންވެސް ދެމިއޮންނާނެ ކަމަށެވެ.
"އަޅުގަނޑާމެދު އެގޮތަށް އެވިދާޅުވާ ބޭފުޅުން އެވިދާޅުވަނީ ޤާނޫނީ އަދި ދީނީ ކޮން ހަމައަކުންތޯ؟ އަޅުގަނޑު ހޮސްޕިޓަލަށް އެޑްމިޓްކޮށްފަ އޮއްވާ ރޭގަނޑު ދަންވަރު ކޯޓުން އިއްވި ބަޔާނަކީ ޝަރުޢީ ޙުކުމެއްތޯ؟" ވެސް ޤާސިިމް ވަނީ ސުވާލުކުރައްވައިފައެވެ.
ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ޖަލުގައި ބަންދުކޮށްފައިވާ މައްސަލަ އާއި ގުޅިގެން ޤާސިމް މިރޭ ވެސް ވިދާޅުވީ ތުހުމަތުކުރާ އެއްވެސް ކުށެއް ސިޔާދު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ޖަލުގައި ބަންދުކޮށް ދެމުން އެގެންދަނީ ކަނޑައެޅިގެން އަނިޔާ ކަމަށެވެ.
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙާއި ގުޅޭ ގޮތުން ވިދާޅުވީ އެ އިޞްލާޙަށް ތާއީދު ކުރެއްވީ ތާއީދުކުރެއްވުމުންވެސް އެމަނިކުފާނުގެ ގައިކޮޅުގައި އަޅައިގަނެގެން އުޅޭ އުޅުމަށް އެ ހިސާބުންވެސް ނިމުމެއް ގެންނާނެ ކަމަށް ކަމަށެވެ. "ނަމަވެސް އެއަށްފަހުވެސް އައްޓަމަހެއް ފަދައި އަޅައި ގަނެ ނެއްޓެން ނޭނގިގެން އަދިވެސް އެއުޅެނީ." ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް މިރޭ ދެއްކެވި ވާހަކަފުޅު: