ޓެރަރިޒަމަކީ ރައީސް ޔާމީނާ ދެކޮޅުވާ ކޮންމެ މީހަކު ދަންޖައްސަން ބޭނުންކުރާ ވާގަނޑުތޯ؟: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 5ސ
ޓެރަރިޒަމަކީ ރައީސް ޔާމީނާ ދެކޮޅުވާ ކޮންމެ މީހަކު ދަންޖައްސަން ބޭނުންކުރާ ވާގަނޑުތޯ؟: ޤާސިމް
ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލައި މާތްﷲ އަންގަވާފައިވާ ފަދައިން އަދުލަށް ވެރިކަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ރައީސް ޢަބްދުﷲ ޔާމީނަށް ގޮވާލައްވައި އިލްތިމާސް ކުރައްވައިފިއެވެ.

ޢަލީ ވަޙީދު ޖޭޕީ އާއި ގުޅުމަށް މިރޭ ޖަރުމަން ވިލާތުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތްކޮށްދިން މީހުން މިހާރު ތިބީ ޖަލުގައި ކަމަށެވެ. 2 ަނައިބު ރައީސުންވެސް ތިބީ ހަމަ އެފަދަ ހާލުގައި ކަމަށެވެ. "މި ހުރިހާ މީހުން ހަމަ ގޯހީތޯ؟ މަނިކުފާނު ގިނިކަންޏާތޯ ހަމަ ރަނގަޅީ؟ އެހެންވީމާ ވަރަށް ބޮޑު މައްސަލައެއް އެބައުޅޭ ދޮގެއްތޯ؟" ޤާސިމް ވަނީ ސުވާލުކުރައްވައިފައެވެ. "ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެ ކަމަށް ބެލެވޭ އެންމެން މިތިބީ ޖަލުގައި."

އެއްވެސް ކުށެއް ނުކުރައްވާކަން ސާބިތުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް 4 އަހަރު ދުވަހު ބަންދުގައި ގެންގުޅޭ މައްސަލަ ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ. "ތުހުމަތު ކުރި މައްސަލަ އާއި ނާޒިމާއި އެއްވެސް ގުޅުމެއް ނެތް ކަމުގެ ހެކި ފުލުހުން ހާމަކުރީމާވެސް ބަންދުގައި ނާޒިމް ތިއަ ބަހައްޓަވަނީ ހަމަ އިންޞާފުންތޯ؟ ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ބޭފުޅުންނާއި އެހެންވެސް އެތައް ބައަކު ޖަލުގައި ބަންދުކޮށް ތިއަ ގެންގުޅެނީ ހަމަ އެއްވެސް ކުށެއް ކޮށްގެންތޯ؟ ނޫން! އެއްވެސް ކުށެއް ކޮށްގެނެއް ނޫން! ނިކަން އިންޞާފުވެރިކަމާއިއެކު މަނިކުފާނު ޖަވާބު ދެއްވަބައްލަވަ! ނިކަން ވިދާޅުވެބައްލަވަ ތިމަން މަނިކުފާނު ޤަބޫލުފުޅު ކުރައްވަމޭ ނާޒިމް ޖަލުގަ ބަހައްޓަވަނީ އިންޞާފުން ކަމަށް. 4 އަހަރުވީއޭ ޖަލުގެ ހޫނު ކުޑަގޮޅީގާ އެމަނިކުފާނު ބަހައްޓަވަމުން ގެންދަވާތާ. ނިކަން ވިސްނަވައި ފިކުރު ކުރައްވަބައްލަވަ. މިއީ އަނިޔާވެރިކަން ނޫން ދެން އެހެން ކޮންކަމެއްތޯ؟"



ޤާސިމް އިބްރާހީމް ވިދާޅުވީ މެންބަރު އިލްހާމް އާއި ސިނާން އާއި ޢަބްދުﷲ ރިޔާޟްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީވެސް އެފަދަ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށާއި ހަމަ އަނިޔާވެރިކަމުން ކަމަށެވެ. "ޓެރަރިޒަމްގެ ޤާނޫނަކީ މަނިކުފާނާ ދެކޮޅުވާ ކޮންމެ މީހަކު ދަން ޖައްސާ ވާގަނޑުތޯ؟ ދެން ނިކަން މަނިކުފާނު ވިދާޅުވެބައްލަވަ ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަނީ އިންޞާފުވެރި ނިންމުންތޯ؟ ސްޕްރީމް ކޯޓުން 1 ފެބްރުއަރީގަ ނެރުނު އަމުރުގަވެސް ވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަންކަން ކުރުވާ ކަމަށް. ޙައްޤު ބަސް ވިދާޅުވީ 5 ފަނޑިޔާރުން. އުއްތަމަ ފަނޑިޔާރާ ޢަލީ ޙަމީދު މިއަދު އެތިއްބެވީ ޖަލުގަ. މީ އިންޞާފުތޯ؟"

"މަނިކުފާނު ކުރައްވައިގެން ހުންނެވި ހުވާގައިވަނީ އަމާނާތްތެރިކަމާއިއެކު އިންޞާފުން ވެރިކަން ކުރެއްވުމަށް. އެހެންތޯ ތިއަ ވެރިކަން ކުރައްވަނީ؟ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށްފައި އެވަނީ އިންސާފުންތޯ؟ ޢާންމު ބައްދަލުވުމެއްގައި ދައްކާ ވާހަކައެއް ޓެރަރިޒަމަށް ވަނީ ކިހިނަކުންތޯ؟ މިހައިތަނަށް ޙުކުމް އިއްވާފައިވާ އެންމެންނަށް ބެލި ނަމަވެސް ކާކުގެ ޝަރީޢަތެއްތޯ އިންޞާފުން ދިއައީ.؟ އެއިޖުރާތު ބަލައެއް ނުގަންނަން. މި އިޖުރާތު ބަލައެއް ނުގަންނަން. އެގޮތަށް ގޮސް މުޅި އޮޑީގަ މިއޮތީ ހަސަނުގެ ދެފައި."

ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނު އަސާސީ އާއި ޚިލާފަށް ދައުވާކުރުމުގެ ބާރު އެއްވެސް ޕްރޮސެކިޔުޓަރ ޖެނެރަލަކަށް ނުދޭ ކަމަށާއި އެފަދަ ދައުވާތައް ކުރަނީ ޤާނޫނު އަސާސީ އާއި މުޅިން ޚިލާފަށް ކަމަށެވެ. "މީކޮންކަމެއްތޯ؟ ބާރުވެރިކަން."

ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ މައްސަލައިގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެ 12 މެންބަރުން ވަނީ ޕީޕީއެމުން ވަކިވެފައިކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި މާކުރިން ލިޔުން ދީފައިވާ މެންބަރުން ކަމަށްވާއިރު ފަހުން ފާސްކުރި އިޞްލާޙްގެދަށުން އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. ނަމަވެސް އެކަމުގައި ތަފާތު 2 އަމުރެއް ނެރުނުއިރު ވެސް 12 މެންބަރުންގެ ހައްޤު ލިބިފައި ނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "މި މައްސަލައިގައި ސްޕްރީމް ކޯޓުގެ ތެރޭގައި ވެސް ވަކި ގޮތެއް ނުނިންމައި ތަޅުވަމުން އެގެންދަނީ. އެކަމަކު އެހެން ޕާޓީތަކުން ޕީޕީއެމަށް ދިއައިމަ އެއްވެސް މައްސަލައެއް ނެތް. ޕީޕީއެމުން މިކޮޅަށް އަންނައިރު މައްސަލަ އެބައޮތް. މިއީ ދެން ކިހައި ދެރަކަމެއްތޯ؟"

"ވެރިކަން ހޯދައިދިން އެންމެން ޖަލަށްލާފަވެސް ހަމަ މަގޭ ވެރިކަމުގެ 5 އަހަރު. ބައްލަވަ އެ 5 އަހަރު ދުވަސް ލިބުނީ ކިތައް މީހުންގެ ޤްރްބާނީ އާ ބުރަ މަސައްކަތުންތޯ؟ ކިތައް މީހުންގެ އާދޭހާ ކިތައް މީހުންގެ ރުއިމުންތޯ؟ އެކަންކަން ވެސް ކައުންޓުކުރަން އެބެޖެހޭ ނޫންތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެއްވެސް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. "އެއްވެސް ހެއްކެއް ނެތޭ އިނގޭތޯ. ސިއްރު ހެކީގެ ގޮތުގައި ހެކި ދައްކަނީ ހަދައިގެން. އުފައްދައިގެން. ސިއްރު ހެކި އުފައްދާ ގޮތް ގްރޭޑް 5 ގައި އުޅޭ ކުޑަކުދިންނަށްވެސް މިހާރު ވަރަށް ރަނގަޅަށް އެނގޭ. އިސްލާމް ދީނަކު ނޯވޭ ސިއްރު ހެއްކެއް. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކު ނޯވޭ ސިއްރު ހެކީގެ ވާހަކައެއް. ދެން ކޮންތާކުން ފައިބައިގެން އައި ކާކު ތަޢާރަފްކޮށްގެން އުޅޭ އެއްޗެއްތޯ މި ސިއްރު ހެއްކަކީ؟ އިސްލާމީ ޝަރީއަތުގައި އޮންނަނީ ދެ ޚަސްމުން ބައިތިއްބައިގެން ކަންކަން ކުރަން. މިހެން އޮއްވާ ޖިނާޢީ މައްސަލަތަކުގަ ހެކިދޭން އަންނަ މީހާގެ އަޑުވެސް ބަދަލުކޮށްގެން ހެކިބަސް ނަގަނީ. އެވަރުންވެސް މާތް ﷲ އަށް ބިރުވެތިވާތީ ޤާރީ އަހްމަދު ރަޝީދު އަކަށް ނުކެރުނު ދޮގުހެކި ދޭކަށް."

ޤާސިމް އިބްރާހީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން މަޖިލީހުގެ 37 މެންބަރުން ތާއީދުކޮށް ފާސްކުރި ފާސްކުރުމަކީ ހެދުނު ގޯހެއްކަން އެކަންކުރި މީހުންނަށްވެސް އެނގޭ ކަމަށެވެ. "ހުވާކޮށްގެން މިތިބެނީ ރައްޔިތުންގެ ހައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަން. މިވަރު ތަންފުކެއް ބޮޑު ނޫންތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ ރަނގަޅު ގޮތުގައި ހުންނެވީ ހަމައެކަނި ރައީސް ޔާމީންކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅު ކުރެއްެވެވި ނަމަވެސް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އަދި ވިސްނަވާ ވިސްނެވުންތަކުގައިވެސް މައްސަލަތަކެއް އެބަހުރިކަން ޔަޤީން ކަމަށެވެ. "އެއީ އިސްލާމް ދީނާ ޚިލާފް އެތައް ވާހަކަފުޅުތަކެއް ދައްކަވައިފި. ކުފުރުވެރިވެފަ، މުރުތައްދުވެފަހުރި ވާހަކަ، ޚިޔާނާތުގެ ވާހަކަ، ޙަރާން ފައިސާ ގެއަށް ވަން ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިން ވާހަކަ. މިފަދަ ހުރިހާ ވާހަކަތަކެއް ދައްކަވައިފި. އަމިއްލަފުޅު އިޚްތިޔާރުގަ. އަމިއްލަފުޅު ބާރުވެރިކަމުގަ."



"އިއްޒަތްތެރި ރައީސް! އަޅުގަނޑުމެން މިތިބީ ހަމަ އިޚްލާޞްތެރިކަމާިއެކު އެ ހުރިހާ ވާހަކަތަކެއް ޤަބޫލުކުރާށޭ. ނަމަވެސް އިންޞާފުވެރިކަމާއެކު ކަންކަން ކުރައްވާށޭ. ޖުމްހޫރީ ޕާޓީއަކީވެސް ގެންގުޅެން ޖެހިއްޖެ ނަމަ ދެވަނަ ވިސްނުމެއް ނުގެންގުޅޭނެ ޕާޓީއެއް ވެސް ނޫނޭ. ނަމަވެސް އެކަން އެގޮތަށް ގެންދެވޭނީ އިންޞާފުވެރިކަމާއިއެކު ކަންކަން ކުރައްވައިގެންނޭ."

ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިޚާބު އަންނައިރު އަނިޔާވެރިކަން އެއްކިބާކޮށް ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެ ފުރުޞަތު ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ. "އެފުރުޞަތު ނުދެއްވައި ތިމަންނަ މިއަންނަނީ ވެރިކަން ހޯދާށޭ، ސިފައިންނާ ފުލުހުންގެ ބޭނުންކޮށްގެން. ކޯޓުތަކުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން. ޕްރޮސެކިޔުޓަރ ޖެނެރަލް ބިރުގަންނަވައިގެން ކަންކަން ކުރީމާ މަނިކުފާނަށް ޤައުމެއްގެ އަމާންކަމާ މަސްލަހަތެއް ނުނެގެހެއްޓެވޭނެ. އެއީ އެއްވެސް މީހަކަށް ދުނިޔޭގެ އެއްވެސްތާކު ކުރެވިފަ އޮތް ކަމެއް ނޫން."

ޤާސިމް އިބްރާހީމް ވިދާޅުވީ ކޯޓުތައް 24 ގަޑިއިރު ހިންގައިގެން ނަމަވެސް މައްސަލަތައް އަދުލުވެރިކަމާއިއެކު، އެއްވެސް ޝައްކެއް ނެތް މިންވަރަށް މައްސަލަތައް ނިންމައިދީފި ނަމަ ޖުމްހޫރީ ޕާޓީ ދެވަނަ ވިސްނުމަކަށް ނުދާނެ އެއްވެސް ސަބަބެއް ނުއޮންނާނެ ކަމަށެވެ. "ދަންވަރު 1:30 ގަ އަޅުގަނޑުގެ މައްޗަށް ލިޔުމެއް ލިޔެ އިއްވީ އެއީ ޙުކުމެއްތޯ މަނިކުފާނު؟ އެއީ ޙުކުމަކަށްވާނަމަ މަނިކުފާނުގެ އަމިއްލަފުޅު އިއުތިރާފްކޮބައިތޯ؟ މުލީއާގޭގަ ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންތަކެއްގެ ކުރިމަތީގަ އަދީބު ބެހީ އަޅުގަނޑުގެ ފައިސާއޭ ވިދާޅުވީ އެއީ ކޮން އެއްޗެއްތޯ؟ މަނިކުފާނުގެ ގެކޮޅަށް ވަނީ ހަރާން ފައިސާއޭ ވިދާޅުވީ އެއީ ކިތައް ބިލިއަން ޑޮލަރުތޯ؟ ކިތައް ބިލިއަން ރުފިޔާތޯ؟"

"ބަންޑާރަ ނައިބުގެ އޮފީހަށް އިރުއިރުކޮޅުން ފަނޑިޔާރުންތަކާ އެހެން ބޭފުޅުންތައް ވައްދަނީ ހަމަ އިންޞާފުގެ މަގަށް ކަންތައްތައް ކުރައްވަންތޯ؟ އެއީ ކަންކަން ހަމައަކަށް އަޅުވަނީތޯ؟ އިރުކޮޅަކުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފަނޑިޔާރުން ގޮސް ވަންނަތަން. ކޮންކަމެއް ކުރަންތޯ؟ ހަމަ އަދުލު އިންޞާފު ހަމައަކަަށް އަޅުވަންތޯ؟ ކަމެއް ކައްޗަށް ދާތީ ސީދާކުރައްވަންތޯ؟ ނޫން ނޫން."

ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ އެއްބައަކު ހިފައި ހައްޔަރުކޮށް އަނެއް ބައަކަށް ބިރު ދައްކަމުން ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ދަމަމުން ގެންދިއުމަކީ އިންޞާފު ނޫން ކަމަށެވެ. "ތިމާއަށް އެހީތެރިވެދީ ހުރިހާ ކަމެއް ކޮށްދިން މީހާ އުމުރުން 82 އަހަރުގަ އެއޮތީ ޖަލުގަ. ކޮބައިތޯ އިންސާނިއްޔަތުގެ ކުނޑިފަށެއްވެސް. ރައީސް ޔާމީނުގެ. ނޯ. ޔޫ ޑޯންޓް ހޭވް އިޓް."

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގެ ކަންކަން މިހާލަތަށް ދިއައިރު މިކަންކަން ބަލަންހުރި މިނިވަން މުއައްސަސާތަކާއި ކޯޓުތަކަށް މިކަންކަން ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގައި މިހުރީ ތަޅުއަޅުވާފައި ކަމަށެވެ. މިއަދަކީ ރައީސް ޔާމީން ވިދާޅުވެފައިވާ ފަދައިން ކޮމާންޑަރ އިން ޗީފް ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ނޯ ސަރ އެވެ ބުނަން ޖެހިފައިވާ ދުވަސް ކަމަށެވެ. "ޓީވީ ތަކުން އެ ކްލިޕް ގިނަގިނައިން ދެއްކުމަށް އަޅުގަނޑު އެދެން."

"ޤައުމުގެ ކަންކަން މިހާލަތަށް ދިއުމުން ސަލާމަތްކޮށްދޭން ޖެހޭނީ ސިފައިން. އެމީހުންނަކީ މާތް ﷲ ގަންދީ އެކަމަށް ހުވާކޮށްގެން ތިބި ބައެއް. އެމީހުންނަށް މުސާރައާ އިނާޔަތްތައް ދެނީ ރައްޔިތުންގެ ފައިސާއިން. ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ގެންނަން އަޅުގަނޑު މަސައްކަތް ކުރީ ސިފައިންނާ ފުލުހުންވެސް އެކަމަށް އަޅުގަނޑގެ ކިބައިން އެދުމުން. މިއަދު އަޅުގަނޑު ތިއަ ބޭކަލުންގެ އަރިހުން މިއެދި އާދޭސްކުރަނީ މާތް ﷲ އަށްޓަކައި ރައީސް ޔާމީނުގެ ކަންކަން އިންސާފުގެ މަގަށް ގެނައުމަށް މަސައްކަތްކޮށްދިނުމަށް. އިންސާފު ލިބެން އެބަޖެހޭ. ހުރިހާ ދިމާއަކަށް ތާއަބަދު ބާރާ ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން ހެޔޮ ނުވާނެ އިނގޭތޯ؟ ކާނަލް ނާޒިމް، ޑިފެންސް މިނިސްޓަރާއިމެދު މިގޮތަށް އަމަލުކުރުމުން މިޤައުމުގައި ރައްކާތެރިކަމާ ހިމާޔަތް އޮތީ ކާކަށްތޯ ވިދާޅުވި ބަސްފުޅު އަމާޒުވަނީ ތިއަ ލޮބުވެތި ސިފައިންނަށާ ލޮބުވެތި ފުލުހުންނަށޭ އިނގޭތޯ! އާދޭސްކޮށްފަ މިއަދު މިދަންނަވަނީ ރާއްޖޭގެ ކަންކަން ރާއްޖޭގެ ޤަނޫނު އަސާސީގެ މަގަށް ގެނެސް ދެއްވާށޭ. ޤައުމަށްޓަކާ. އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުންވެގެނެއް ނޫން މިއާދޭސް މިކުރަނީ. ޤައުމުގެ ސަލާމަތަށްޓަކާ. ރައްޔިތުންގެ ހައްޤަށްޓަކާ މިހެން މިދަންނަވަނީ."

ޤާސިމް އިބްރާހީމް ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުތައް އުފުލެމުން މިދަނީ މޮޅު އިކޮނޮމިސްޓް އަމަލުކުރާ އުޞޫލުތަކުގެ ސަބަބުން ކަމަށެވެ. ކޮންމެ ތަނަކަށް ސިޔާސީ ގިނަ ބައަކު ވައްދައިގެން ހިންގަމުން ގެންދާ ކުޅިގަނޑުގެ ސަބަބުން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމަށް ކަމެއް ދިމާވީމާ ކޯޓުތަކުން 3 މަރުހަލާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭ ކަމަށާއި އެ ޚިދުމަތް އެހެން ޕާޓީތަކަށްވެސް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް ޖޭޕީން ހުށަހެޅި ދިދަ އާއި ލޯގޯގެ މައްސަލައަށް ގޮތެއް ނުނިންމައި ސިވިލް ކޯޓުގައި ބާއްވާތާ އަހަރުވާން ކައިރިވާއިރު ރިޔާސީ އިންތިޚާބު އައިސް ބޯމަތިވެއްޖެކަމަށެވެ. "މަތީ ކޯޓަކަށް ގެންދެވޭނީވެސް ސިވިލް ކޯޓުން ނިންމީމަތާ. ކޮން ހައްޤެއްތޯ އޮތީ ތިގޮތަށް މައްސަލަ ހިފަހައްޓައިގެން ތިބުމުގެ. އެހެން ނަހައްދަވާ އިނގޭތޯ! ވަރަށް ބޮޑު ގޯހެއް ތިހައްދަވަނީ!"

ޤާސިމް އިބްރާހީމް ވިދާޅުވީ ނޫ ޤާނޫނު އަސާސީގެ ދުވަސްވަރު ހުރިހާ ބާރުތަކެއް އޮންނަނީ ވެރިކަމުގަ ހުންނަ މީހާގެ އަތްމަތީގައި ކަމަށެވެ.

ނަމަވެސް މިއަދު އޮތީ އެހެނެއް ނޫން ކަމަށެވެ. "ތިމަންމެންގެ މަޤާމު ގެއްލިދާނެތީ، އަނބިދަރިންނަށް ކާން ނުދެވިދާނެތީ އެހެން އެންމެންގެ ޙައްޤުތައް ތިއަ ގޮތަށް ހިފަހައްޓައިގެން ތިބީމަ ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާނީ ކިހިނަކުންތޯ؟ މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ އަދުލުވެރިކަމާއި އިޙްޞާންތެރިކަމާއިއެކު ޝަރީއަތްތައް ކުރުމަށް. އެހެންތޯ ތިއަ ހައްދަވަނީ؟ މާދަމާވެސް މާތް ﷲ ގެ ޙަޟްރަތަށް ދާންޖެހިދާނެކަމަށް ބިރުވެތިވެވަޑައިގަންނަވާ. އަމާންކަމާ މަޞްލަހަތާ އަންނާނީ އަދުލުވެރިވެގެން. އެހެން ނޫންނަމަ އަންނާނީ ނިކަމެތިކަމާ ފަޤީރުކަން. އެންމެފަހުން ވެއްޓިގެންދާނީ ހަލާކުގެ ތެރެއަށް."

"އަޅުގަނޑު ދަންނަވާނީ މަނިކުފާނު ތިއަ ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާއަށޭ. މަނިކުފާނަށް ތިއަ ގޮތަށް ޤައުމުގެ އަމާންކަމާ މަޞްލަހަތެއް ނުއޮބެހެއްޓޭނޭ. އަނިޔާވެރިކަމަކަށް ދުވަހަކުވެސް ﷲ ރުހިވޮޑިއެއް ނުގަންނަވައޭ. މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެކަން."

ޤާސިމް އިބްރާހީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވަނީ އިޞްލާހީ މަސައްކަތްޕުޅުތައް ކަމަށާއި އެގޮތުގައި ސާބިތުކަމާިއެކު އަދިވެސް، އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"އަނިލްއަށް ޖެހޭތޯ އިރުއިރުކޮޅާ ފައިލް ހިފައިގެން ސްޕްރީމް ކޯޓު ތެރެއަށް ވަންނަން. ހުންނަވަން ޖެހިވަޑައިގަންނަވާތޯ އިރުއިރުކޮޅާ ފޯނު ކުރައްވައި ފޯނުން އަތްޕުޅު ދޫކޮށް ނުލެއްވިގެން އުޅުއްވަން ޖެހިވަޑައިގަންނަވަތޯ؟ މަނިކުފާނަށް ޖެހިވަޑައިގަންނަވާތޯ އިރުއިރުކޮޅާ ފަނޑިޔާރުން އޮފީހަށް ގެންދަވަން. އެހެންކަމަށްވާއިރު ކީއްވެތޯ ކާނަލް ނާޒިމްގެ މައްސަލަ ނުބެއްލެވުނީ.؟ ބަލަ ފުލުހުންނޭ އެއޮތީ ޑީއެންއޭ ރިޕޯޓް ދީފަ. ފާރިޝް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލަ ބޭނުންވާ ގޮތަށް ހެކިބަސް ނުލިބުނީމަ އެ މައްސަލަ ވެސް ބާއްވައިލީ."

ޤާސިމް އިބްރާހީމް ވިދާޅުވީ ދުނިޔެ މިދަނީ ބަދަލުވަމުން ކަމަށާއި މާދަމާ ކަންކަން ވެގެންދާނެ ގޮތް ހަމަ އެކަކަށްވެސް ނުއެނގޭނެ ކަމަށެވެ. މާދަމާ ޖަލުގެ ގޮޅީގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ނޫންކަންވެސް ނުއެނގޭނެ ކަމަށެވެ. "އެހެންވީމާ މިދަންނަވަނީ އިންޞާފަށް ކަންކަން ކުރައްވާށޭ. އަޅުގަނޑުމެންނަކީ މާފުވެސް ކުރާނެ މީހުން. ނެގޯޝިއޭޓްވެސް ކުރާނެ މީހުން. ނަމަވެސް މަނިކުފާނު ތިއަ ގެންދަވާ ހަޑިމުޑުދާރު ގޮތުގައި ކަންކަން ގެންދަވައިގެން މަނިކުފާނަށް ކާމިޔާބެއް ނެތްކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ. ތާއަބަދަކު ތިއަ ގޯހެއް ނުހެއްދެވޭނެ. ކޮންމެވެސް ދުވަހަކުން މި ނުބައި ނިޒާމު ފަޅައިގެންދާނެ. އެދުވަހަކުން ސަހަރޯވެރިވާން ހުންނަވާނެ ކަމެއް ނެތް. އެދުވަހު ޖަލުގައި ތިބެންޖެހޭނީ ކޮންބައަކަށްކަން ވިސްނެވޭނެ."

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަށްވުރެ ހަޑިމުޑުދާރު ދުވަހެއް ދިވެހި ތާރީޚުވެސް ނުދެކޭ ކަމަށެވެ. "އެއީތޯ މަނިކުފާނު ބޭނުންފުޅުވާ ގޮތަކީ؟ އަޅުގަނޑުމެން ބޭނުންވަނީ މަނިކުފާނަށް ނިޝާންޣާޒީގެ އިއްޒަތުގެ މެޑެލްވެސް އަރުވަން. އިންޞާފުވެރި ވެރިއެއްގެ ގޮތުގައި ނިމިގެންދާން. މަނިކުފާނަށް އެނގިވަޑައިގަންނަވަތޯ ރައީސް މައުމޫނަކީ ނިޝާން ޣާޒީގެ އިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން؟ މަނިކުފާނަށް ތިއަ ހިސާބަށް ވާސިލުވެވަޑައިގެންނެވުނީ އެމަނިކުފާނު އެފުރުޞަތު މަނިކުފާނަށް ދެއްވީމަ ދޮގެއްތޯ؟ އެސަބަބަށްޓަކައިވެސް މަނިކުފާނު ލަދުފުޅުގެންވަޑައިގަންނަވަން އެބަޖެހިވަޑައިގަންނަވާ ދޮގެއްތޯ؟ މިއީ ކޮންމެހެން ރައީސް މައުމޫނުގެ ދިފާއުގަ ދައްކާ ވާހަކައެއް ނޫން. 82 އަހަރު. އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް އަޅާލައި އޯގާތެރިވާން މާތް ﷲ ވަނީ ވަހީ ކުރައްވާފައި ދޮގެއްތޯ؟ ތީ އިސްލާމެއްތޯ؟ އެހެންވީމާ މިފަދަ ރަމަޟާން މަހެއްގައި މިވާހަކަ ދައްކަން އަޅުގަނޑުމެންނަށް އެބަޖެހޭ ނޫންތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ މިވާހަކަފުޅުތައް ދެއްކެވީ އެއްވެސް ޙާލެއްގައި ކޯފާވެގެން ނޫން ކަމަށެވެ. ހަނދާންކޮށްދޭން މާތް ﷲ ވަޙީކުރައްވަވާފައިވާތީ ނަޞޭޙަތުގެ ގޮތުން ކަމަށެވެ. "ޖަޒުބާތަށް ކެތް ނުކުރެވިގެން މިވާހަކަ މިދައްކަނީ. އަޅުގަނޑުގެ ދަރިފުޅުވެސް އެއޮތީ ޖަލުގަ. އޭނާއަކީ އެއްވެސް ކުށެއް ކުރި ދަރިއެއް ނޫނޭ އިނގެތޯ؟ ކުރައްވާ އެއްވެސް ތުހުމަތަކީ އޭނާވެސް އަދި އަޅުގނޑު ވެސް ކުރި ކަމެއް ނޫނޭ އިނގޭތޯ. ދުވަހަކުވެސް ތިއަ ބާވަތުގެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ އިނގޭތޯ. މަނިކުފާނު ހީފުޅު ކުރައްވަވަނީތޯ އަބަދު މަނިކުފާނާ މަނިކުފާނުގެ ބޭފުޅުން ތިއްބަވާނީ ތިއަ ގޮތަށް އުފަލުގަ ކަމަށް. ނޯނޯނޯ!"

ކޮންމެ ދުވަހަކީވެސް ބަދަލުވާނެ ދުވަހެއްކަމަށްވާއިރު އެއްގޮތަކަށްވެސް ތިއަހެން ނުހައްދަވައި އިންޞާފުވެރިވެވަޑައިގަންނަވަން ޤާސިމް އިބްރާހީމް ވަނީ ރައީސް ޔާމީނަށް އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑުމެން ގެންދާނީ ސްކައިޕް މެދުވެރިކޮށްގެންނާއި އެހެންވެސް ގޮތް ގޮތުން ރައްޔިތުންނަށް މެސެޖުތައް ދެމުން. އަޅުގަނޑު އެދޭނީ އިޞްލާޙަށް މަސައްކަތްކުރާ އެންމެން ސާބިތުވެ ތިބުމަށް. މާތް ﷲ އިރާދަކުރެއްވިއްޔާ މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު. މާތް ﷲ އިރާދަކުރެއްވިއްޔާ ޖުމްހޫރީ ޕާޓީ ނޫންނަމަ ޖުމްހޫރީ ޕާޓީ ޖެހޭ ފަރާތް މިފަހަރުގެ އިންތިޚާބު 70 އިންސައްތަ ހޯދައިގެން ކާމިޔާބުކުރާނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ)
މިއަދު އޮންލައިން