މިދިޔަ ހުކުރު ދުވަހުގެ ރޭ ލަ.ކައްދުއަށް ދިޔަ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގެ ތެރޭގައި ކެބިން ކްރޫއާ ޒުވާބުކޮށް ހުތުރު ބަހުން މުއާމަލާތްކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުން ހަ މަސް ވަންދެން އެ އެއާލައިންގެ އެއްވެސް ބޯޓެއްގައި ދަތުރުކުރުން މަނާކޮށްފިއެވެ.
އެ އެއާލައިންގެ އެއްވެސް ބޯޓަކުން ދަތުރުކުރުން އެ މީހުން މައްޗަށް މަނާކޮށް ލ.އަތޮޅު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ އިއްޔެއެވެ.
އެ މައްސަލާގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރީ ތިން މީހުންނެވެ. ކޯޓުން ވަނީ ދެ ޝަރުތަކާއެކު އެ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ކޯޓުން އެ ތިން މީހުން ދޫކޮށްލީ ހަ މަސް ވަންދެން މޯލްޑިވިއަންގެ އެއްވެސް މަތިންދާބޯޓަކުން ދަތުރުނުކުރުމަށާއި ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.
ފުލުހުން ބުނީ ޝަރުތުތަކަކާއެކު އެ ތިން މީހުން ވެސް ދޫކޮށްލާފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށެވެ.