ރޯގާ ޖެހިގެން ދުވާލަކު 300 އެއްހާ މީހުން ޑޮކްޓަރަށް ދައްކާ: އައިޖީއެމްއެޗް

ކިޔުމަށް ހޭދަވާނީ 1މ 12ސ
ރޯގާ ޖެހިގެން ދުވާލަކު 300 އެއްހާ މީހުން ޑޮކްޓަރަށް ދައްކާ: އައިޖީއެމްއެޗް
މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން، އެވެރެޖްކޮށް ދުވާލަކު 300 އެއްހާ މީހުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް އަންނަ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ރޯގާ ޖެހިގެން ދުވާލަކު 300 އެއްހާ މީހުން އެ ހޮސްޕިޓަލަށް ދައްކާކަމަށާއި އެ އަދަދު އިތުރުނުވެ އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ހިމެނޭކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ތަފާތު ހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމައަށް، ރޯގާ ޖެހިގެން އެ ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް 1000 އަށްވުރެ ގިނަ މީހުން ދައްކާފައިވެއެވެ.
އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ހަލުވިކަމާއެކު މި ދުވަސްވަރު ރާއްޖޭގައި ފެތެރެމުންދާތީ ސަމާލުވުމަށް ހެލްްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ގޮތުން، ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، މާބަނޑުމީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކަށް ނޫނީ މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިޔުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މިއަދު އޮންލައިން