ތޫފާން "މެކުނު" ގެ ސަބަބުން ޔަމަނާއި އޮމާން އިން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި
މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަރަބި ކަނޑަށް އަރާފައިވާ ތޫފާން "މެކުނު" ގެ ސަބަބުން އޮމާން އާއި ޔަމަން އަށް ވެސް އޭގެ އަސަރު ފޯރާ، މިހާތަނަށް އެދެޤައުމުން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މިދެޤައުމުން މިހާތަނަށް 11 މީހުން މަރުވެފައިވާއިރު، ކަނޑުދަތުރުކުރާ އަށް މީހަކު ގެއްލިފައިވެސް ވެއެވެ.
ޔަމަނުގެ ރަށެއް ކަމަށްވާ ސޮކޮތުރާގެ ގަވަރުނަރު ރަމްޒީ މަހްރޫޒް ވިދާޅުވީ އާދީއްތަ ދުވަހާއި ހަމައަށް އެޤައުމުން މަރުވި މީހުންގެ އަދަދަކީ ހަތެއް ކަމަށެވެ. އެއީ ޔަމަނުގެ ފަސް ރައްޔިތަކާއި އިންޑިއާގެ ދެ ދަތުރުވެރިއެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އިންޑިއާގެ އަށް ދަތުރުވެރިއަކު ގެއްލިފައިވާ ކަމަށް ވެސް މަހްރޫޒް ވިދާޅުވިއެވެ.
ސޮކޮތުރާގެ 1000 އާއިލާއަކުން 60،000 ރައްޔިތުންނެއް ސަލާމަތު އައްސޭރިއަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
ނަމަވެސް އޮމާންގެ މޫސުމާއިބެހޭ ޑައިރެކްޓޮރޭޓް މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ، މިތޫފާނުގެ ސީދާ އަސަރު ކުރުން ވަނީ ހުއްޓިފައި ކަމަށެވެ.