އުދައަރާފާނެ ކަމުގެ އިންޒާރާއިއެކު ރާއްޖޭގެ ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން މެންދުރުފަހު 15:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.