މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭންތަކަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެ ކަންތައް ފާހަގަކޮށް ބުނެފައިވަނީ އެ ޖަމިއްޔާއިން އިއްޔެ އާންމުކުރި "ޕްރީ އިލެކްޝަން އެސަސްމަންޓް" ދިރާސާގެ ބަޔާންގައެވެ. އެ ބަޔާނުގައި އެ ޖަމިއްޔާއިން ބުނެފައިވަނީ އިންތިޚާބުގެ ކުރިން ޤައުމުގެ މާހައުލު ދިރާސާކުރުމުން މައިގަނޑު ތިން ކަމެއް ފާހަގަކުރެވިފައިވާކަމަށެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކޮށް ބުނެފައިވަނީ، ކޮންމެ އިންތިޚާބެއްގެ ކުރިން ވެސް އެއިރެއްގެ ސަރުކާރަކުން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރާ ކަމަށެވެ. އެގޮތުން، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް ސަރުކާރުގެ ފަރާތްތަކުން ކެމްޕޭންކުރުމަށް ދައުލަތުގެ މުދަލާއި ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޓްރާންސްޕޭރެންސީއިން ފާހަގަކުރި އެހެން ކަމަކީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ޔަޤީންކަން ނެތުންކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ލިބިފައިވާ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުލިބޭކަން ވެސް ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ފާހަގަކުރި ތިންވަނަ ކަމަކީ، އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދާފައިވާ ކަމެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ އިންތިޚާބުގެ އިދާރީ ކަންކަން ޤާނޫނީ ގޮތުން މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ޝައްކު އުފެދިގެން ދިޔުމަކީ އިންތިޚާބުގެ މާހައުލަށް ކިލަނބުކަން ގެނެސްދޭނެކަމެއް ކަމަށެވެ.
އެ ކަންތައްތައް ހައްލުކުރުމަށް އެ ޖަމިއްޔާއިން ވަނީ ދިރާސާގެ ބަޔާނުގައި ތިން ކަމެއް ވެސް ހުށަހަޅައިފައެވެ. އެއީ ސިޔާސީ ހަމަހަމަ މާހައުލެއް ޤާއިމްކޮށް ސަރުކާރު ހިންގާ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގުމަށް އޮންނަ މިނިވަންކަން އެހެން ފަރާތްތަކަށް ވެސް ދިނުމަށެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ޤާނޫނެއް އެކުލާވާލައި ތަންފީޒުކުރުމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އުފެއްދުމަށް އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އަންޔަންކުރާ މެންބަރުންނަކީ ސިޔާސީ ތައައްސުބުން އެއްކިބާވެފައިވާ ބައެއްކަން ޔަޤީންކުރުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރާ އެ ދިރާސާއަކީ ކޮންމެ ރިޔާސީ އިންތިޚާބެއްގެ ކުރިން ރާއްޖޭގެ އިންތިޚާބީ މާހައުލު ދެނެގަތުމަށްޓަކައި ކުރާ ދިރާސާއެކެވެ. އެ ގޮތުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް އެފަދަ ދިރާސާއެއް ހަދައި ދިރާސާގެ ބަޔާން އެ ޖަމިއްޔާއިން އާންމުކޮށްފައިވެއެވެ.