އަރަބި ކަނޑަށް މިމަހުގެ 12 ވަނަ ދުވަހު އެރި ތޫފާން "މެކުނު" ގެ ސަބަބުން ގެއްލުންވި ޔަމަނުގެ ރަށެއް ކަމުގައިވާ ސޮކޮޓްރާއަށް ސައުދީ އަރަބިއާ އިން އެހީތެރިކަން ފޯރު ކޮށްދީފިއެވެ.
އެގޮތުން އެހީތެރިކަމުގެ މުދަލާއެކު ސައުދީން އެންމެ ފުރަތަމަ ފްލައިޓު ސޮކޮޓްރާއަށް ފޮނުވާފައިވަނީ އިއްޔެއެވެ.
ކިންގް ސަލްމާން ސެންޓަރ ފޯ ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް (ކޭއެސްރިލީފް) ގެ ޖެނެރަލް ސުޕަވަޒަރ ޑރ. އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް-ރަބީއާ ވިދާޅުވީ، މިއެހީއަކީ ސަލްމާން ރަސްގެފާނުގެ އަމުރުފުޅަށާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ގެ އެދިލެއްވުމުގެ މަތިން ޔަމަނުގެ އަޚުންނާއި އުޚްތުންނަށް ވެދެއްވި އެހީއެއް ކަމަށާއި މިއެހީތެރިކަމުގެ ދަށުން ސޮކޮޓްރާގެ ރައްޔިތުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގައި ސައުދީން ޚާއްސަ ޓީމެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި އެރަށުގެ އެކިއެކި އާއިލާތަކަށް އެތަކެތި ބެހުމުގައި އެޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށް ވެސް ސުޕަވައިޒަރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އަލް-ރަބީއާ ވިދާޅުވެފައިވަނީ މިތޫފާނުގެ ސަބަބުން ޔަމަނުގެ ރަށްތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް އދ. ގެ މޫސުމާއި ބެހޭ އޯގަނައިޒޭޝަނުން ލަފާ ކުރެއްވި ރިޕޯޓު ލިބުމާއިއެކު، އެޤައުމަށް އެހީތެރިވުމުގެ މަސައްކަތް ކޭއެސްރިލީފް އިން ފަށާފައިވާ ކަމަށެވެ.