ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ސަރުކާރުގެ ތިން މިނިސްޓްރީގެ މަޤާމުތަކަށް ބަދަލު ގެނެސް، އެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ މއ.އަނދުންކޮށީގެ ހަސަން ރަޝީދެވެ. ހަސަން ރަޝީދު ކުރިން ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ، މ.ޒިޔާރަތްދޮށުގެ އަހުމަދު ހާފިޒެވެ. ހާފިޒު ކުރިން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ ފ.ނިލަންދޫ ފިނިފެންމާގެ ޢަބްދުލްމުހުސިން ހަމީދެވެ. ޢަބްދުލްމުހުސިން ކުރިން ހުންނެވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.