ކްރިމިނަލް ކޯޓުގެ އިސް ޤާޒީއަކަށް ހައިލަމް

ކިޔުމަށް ހޭދަވާނީ 1މ 1ސ
ކްރިމިނަލް ކޯޓުގެ އިސް ޤާޒީއަކަށް ހައިލަމް
ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަޤާމަށް އެ ކޯޓުގެ ޤާޒީ އަހުމަދު ހައިލަމް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަޤާމަށް ހައިލަމް އައްޔަންކުރެއްވުމަށް ނިންމެވީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެންގެވި ސިއްރު ވޯޓަކުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަޤާމު ހުސްވީ އެންމެ ފަހުން އެ މަޤާމުގައި ހުންނެވި ޢަބްދުލްބާރީ ޔޫސުފު މިދިޔަ އަހަރުގެ ތެރޭގައި ޖުވެނައިލް ކޯޓަށް ބަދަލުކުރި ފަހުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޤާޒީ އާދަމް އަރީފެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓަށް ވެސް ޖޭއެސްސީއިން ވަނީ އިސް ޤާޒީން ކަނޑައަޅާފައެވެ. އެ ގޮތުން، ޑްރަގް ކޯޓުގެ އިސް ޤާޒީގެ މަޤާމަށް އައްޔަންކުރަން ނިންމީ ޤާޒީ ޢަބްދުލްސައްތާރު ޢަބްދުލްހަމީދެވެ. އަދި ޔުވެނައިލް ކޯޓުގެ އިސް ޤާޒީގެ މަޤާމަށޤ އައްޔަންކުރަން ނިންމީ ޤާޒީ ސައީދު އިބްރާހިމެވެ.

މިއަދު އޮންލައިން