ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 15:00 އުން ފެށިގެން މިރޭ 21:00 ޖަހަންދެނެވެ.
މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކޮށް ބުނެފައިވަނީ، މެދުތެރެއާއި އުތުރުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ދެކުނު ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށެވެ. އަދި ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.