ރާމޯސްއަށް އަދަބު ދިނުމަށް ގޮވާލައި ތިން ލައްކައަށްވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!

ކިޔުމަށް ހޭދަވާނީ 1މ 36ސ
ރާމޯސްއަށް އަދަބު ދިނުމަށް ގޮވާލައި ތިން ލައްކައަށްވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަށް، ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލާ ގުޅިގެން، އޭނާއަށް އެކަށީގެންވާ އަދަބެއް ދިނުމަށް ގޮވާލައި ޔޫއެފާއާއި ފީފާއަށް ހުށަހަޅަން އުޅޭ ޕެޓިޝަންގައި ތިން ލައްކައަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ޕެޓިޝަން ހުށަހަޅާ ފަރާތުން ބުނި ގޮތުގައި ފައިނަލް މެޗުގައި ސަލާހު ވެއްޓި އަނިޔާވީ، އޭނާގެ އަތުގައި ރާމޯސް އަތްއަޅުވައިގެން ދަމައިގަތުމުން ކަމަށެވެ. އަދި ސަލާހު ވެއްޓިގެން ދިޔައިރު ވެސް ރާމޯސް އޭނާގެ އަތް ދޫކޮށްނުލާ އޮތުމުން އެއީ ސަލާހު ދަނޑުން ބާލުވަން ރާމޯސް ގަސްދުގައި ކުރިކަމެއް އެނގޭކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އެ މެޗުގެ ތެރޭގައި ރާމޯސް ވަނީ ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސްގެ އުޅަނބޮށީގައި ވެސް ޖަހައިފައެވެ. ފައިނަލް މެޗުގައި ރާމޯސްގެ ފަރާތުން ފެނިގެން ދިޔަ މިފަދަ ޢަމަލުތަކާ ހިތްހަމަނުޖެހި ޕެޓިޝަން ހުށަހަޅާ ފަރާތުން ބުނީ އެ މެޗުގައި އޭނާގެ ޢަމަލުތައް ހުރިގޮތް އަލުން ބަލައި، އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ރާމޯސްއަށް ދެކޮޅަށް ހުށަހަޅާ ޕެޓިޝަންގައި ތިން ލައްކައަށްވުރެ ގިނަ މީހުން މިހާރު ސޮއިކޮށްފައިވާއިރު، ޕެޓިޝަން ހުށަހަޅާ ފަރާތުން މަސައްކަތް ކުރަމުން ދަނީ ފަސް ލައްކަ މީހުންގެ ސޮޔާއެކު އެ ޕެޓިޝަން ހުށަހެޅުމަށެވެ.

ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު އެ މެޗުގައި ސަލާހުގެ ކޮނޑުހުޅަށް އަނިޔާވެ ވަނީ ބަދަލުކުރަން ޖެހިފައެވެ. އެހެން ނަމަވެސް އަންނަ ޖޫން މަހުގައި ފަށައި ފީފާ ވޯލްޑްކަޕް މުބާރާތަށް މިޞްރުގެ ޓީމުގައި އޭނާއަށް ބައިވެރިވެވޭނެކަމަށް ސަލާހު ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލް މެޗުގައި ލިވަޕޫލްގެ މައްޗަށް 1-3 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. ރެއާލްއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރިއިރު، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ރެއާލްއެވެ. ރެއާލް ވަނީ 13 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.


މިއަދު އޮންލައިން