އދ.މާމިގިލީގާއި ހަށި ވިއްކަމުން ދިޔަ ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގ މީޑިއާ އޮފިޝަލް ވިދާޅުވީ މާމިގިލިން ހަތް މީހަކު ހައްޔަރުކޮށްފައިވަނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މައްސަލާގައި ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ބިދޭސީއެކެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 32 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި އަންހެނަކާއި، 21 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން، 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި ހަތް މީހުންގެ ތެރެއިން 30 އަހަރުގެ ދިވެހި ފިރިހެން މީހާއާއި 21 އަހަރުގެ އަންހެން މީހާއަށް މާމިގިލި މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހައިފައެވެ. ދެން ތިބި މީހުންގެ ބަންދުގެ މުއްދަތަށް އެ ރަށު ކޯޓުން ޖަހާފައިވަނީ 10 ދުވަހެވެ.