ދުނިޔޭގެ އެންމެ ވަރުގަދަ އެމްޕަޔަރަކަށް ހުންނަވައި ފަޤީރުންނަށް ކާން ދެއްވަން އުމަރުގެފާނުގެ އަމިއްލަ ކޮނޑުފުޅުގައި ބަސްތާ އުފުއްލެވި!
ޢުމަރުގެފާނުގެ ވެރިކަމުގައި އެއްދުވަހަކު ހިންގަވަމުން ވަޑައިގަންނަވަނިކޮށް މުސްކުޅިވަރެއްގެ ނިކަމެތި އަންހެނަކު ހުސް ފެން ތެއްޔެއް އުދައިގެން ކައްކާތަން ފެނިވަޑައިގެންނެވިއެވެ. އެހިނދު އެކުރަނީ ކޮން ކަމެއްތޯ ސުވާލުކުރެއްވުމުން އެމީހާ ދެންނެވީ ކައްކާނެ އެއްވެސް އެއްޗެއް ނެތުމުން ދަރިން ހިތްހަމަޖައްސައިލަދޭން ކުރާ ކަމެއް ކަމަށެވެ.
"ކައްކާނެ އެއްވެސް އެއްޗެއް ހަމަ ނެތީތޯ؟" ސުވާލުކުރެއްވުމުން ދެންނެވީ ހަމަ ނެތީ ކަމަށާއި "އަހަރެމެންގެ ވެރިޔާ ޢުމަރުގެފާނަށް" އޭނާ ފަދަ ނިކަމެތިން އުޅޭ ހާލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޖަވާބުގައި "އުމަރުގެފާނަށް" ހުރިހާ ކަމެއް އެނގިވަޑައި ނުގަންނަވާނެ ނޫންތޯ ސުވާލުކުރެއްވުމުން އޭނާ ދެންނެވީ އެކަމަކު އޭނާ (ޢުމަރުގެފާނަށް) އަހަރެމެންގެ ޙާލު ބަލަން ޖެހޭނެ ކަމަށެވެ. އެހިސާބުން ވަޑައިގެން ގުދަނުން ބަސްތާއެއް އަމިއްލަފުޅު ކޮނޑުފުޅަށް ލަވަވައިގެން ވަޑައިގެން އެގޭގެ ކެއުމުގެ ކަންތައްތައް ބަލަހައްޓަވައި ދެއްވެވީއެވެ.
ނިކަމެތި އަންހެނެއްގެ ވިހޭގެ އަނބިކަނބަލުން ލައްވައި ބަލަހައްޓަވައިދެއްވިކަންވެސް އެނގެން އެބައޮތެވެ.
"އެއިރު ޢުމަރުގެފާނަކީ ކޮންފަދަ ލީޑަރެއްތޯ؟ އެއީ ހިރަޤުލް އާއި ކިސްރާގެ ވެރިކަން ވައްޓަވައިލެއްވި ލީޑަރު. ދުނިޔޭގެ އެންމެ ވަރުގަދަ ކަމަށް ބެލެވޭ ޕަރސިއަން އެމްޕެރަރ ވައްޓަވައިލެއްވި. ރޫމްކަރައިގެ ވެރިކަން ވައްޓަވައިލެއްވި. އެކަމަކު ފަޤީރު އަންހެނަކަށް ކާންދެއްވަން އަމިއްލަފުޅު ކޮނޑުފުޅުގައި ބަސްތާ އުފުއްލެވީ."
އިސްލާމީ ވެރިންގެ އަޚްލާޤް ހުރި ގޮތަކީ މިއީ އެވެ.
-- އިއްޔެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު ދެއްވެވި ދަރުސުން.