މިމަހުތެރޭގައި އިންފްލުއެންޒާ އޭ އަށް % 69 މީހުން ޕޮޒިޓިވް ވެފައިވޭ- އެޗްޕީއޭ
މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފްލުއެންޒާ އޭ އަށް، މިހިނގާ މެއި މަހުގެ މިހާތަނަށް 69 އިންސައްތަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ވޭތުވެދިޔަ ހަފްތާގައި ކަމަށެވެ. އެއީ މުޅިއަކު 9،666 މީހުން ކަމުގައި ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އިންފްލުއެންޒާ އަށް ޓެސްޓު ކުރެވެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ހާލު ދެރަވެގެން އެނދުމަތި ކުރެވިފައިވާ މީހުންގެ ފަރާތުން ނަގާ ސާމްޕަލް ތަކުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދުވަސްވަރު ގިނައިން ފެތުރެމުންދަނީ އިންފްލުއެންޒާ އޭ ގެ ވައްތަރެއް ކަމުގައިވާ އެޗް 3 އެން2 ކަމުގައި ވެސް އެއެޖެންސީއިން ބުނެފައިވެއެވެ.
ވޭތުވެދިޔަ ހަފްތާގައި އިންފްލުއެންޒާ ޖެހުނު އުމުރުން ދުވަސްވީ އަންހެނަކު ވަނީ ނިޔާވެފައެވެ.