މީޑިއާތައް މެދުވެރިކޮށް ވާހަކަ ނުދެއްކެވޭނަމަ، ވީޑިއޯ ކޮންފެރެންސް ކޯލް މެދުވެރިކޮށްގެން ވެސް ދިވެހި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ގެންދަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާތަކަށް ބިރު ދައްކައި އަދި މީޑިއާތަކުގެ ފިނޑިކަމުން އެމަނިކުފާނުގެ ވާހަކަތައް ނުގެނެސް ދެވުނު ނަމަވެސް ރާއްޖޭގެ ރައްޔިތުންނާ ވީޑިއޯ ކޮންފެރެންސް ކޯލް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ގެންދަވާނެކަމަށެވެ.
ނަޝީދު އެ މޭރުމުން ވިދާޅުވެފައިވަނީ، ހުކުމް ތަންފީޒުކުރަމުންދާ ޤައިދީން ޕްރޮމޯޓްކުރާ މީޑިއާތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިންޒާރުދީ ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓް ކުރަމުންދާކަމަށާއި އެފަދަ ޢަމަލުތަކަކީ ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓްރީން އެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ ސާބިތުވެ، 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
Media thakah biru dhakkaa adhi media thakuge ves fin’dikamun alhuganduge vaahakathah nugenevunu namaves, Raajje ge rayyithunaai, vaki vaki adhi gina meehun ekugai thibe video conference call medhuverikoh iraadha kureviyya thiya hurihaa beyfulhunaai vaahaka dhakkaanan
— Mohamed Nasheed (@MohamedNasheed) May 30, 2018