ބްރޯޑްކޮމް އިން އެންގީ ޤާނޫނާ ޚިލާފު އެންގުމެއް، އެއެންގުމުގެ ބޭނުމަކީ މީޑިއާތަކަށް ބިރު ދެއްކުން- ރާއްޖެޓީވީ
ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންނާއި ހުކުމް ތަންފީޒު ކުރާ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ދިން މައްސަލަ ކޯޓަށް ހުށަހަޅަން ރާއްޖެޓީވީ އިން މިއަދު ނިންމައިފިއެވެ.
މިމައްސަލައާއި ގުޅެގޮތުން ރާއްޖެޓީވީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރޯޑްކޮމް އިން އެންގީ ޤާނޫނާ ޚިލާފު އެންގުމެއް ކަމަށާއި އެއެއްގުމުގެ ބޭނުމަކީ މީޑިއާތަކަށް ބިރު ދެއްކުން ކަމަށެވެ.
ގައިދީއެއްގެ އިންޓަވިއު ގެނެސް ދީގެން އެއްވެސް ޓީވީ ސްޓޭޝަނަކުން އޭގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ވެއެވެ.
"މިއީ ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ޤާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި ބްރޯޑްކާސްޓަރުންނަށް ބިރު ދައްކައި، މީޑިއާގެ މިނިވަންކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމަށް އަރައިގަތުމަށް ކުރިކަމެއްގެ ގޮތުގައި މިސްޓޭޝަނުން ދެކެން" ރާއްޖެޓީވީ އިން ނެރެފައިވާ ބަޔާނުގައިވެއެވެ.
ބްރޯޑްކޮމް އާއި ހޯމް މިނިސްޓްރީ އިން ވެސް އިއްޔެ ވަކިވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލު ހުކުމެއްގައި ތިބި ގައިދީންގެ އިންޓަވިއުތައް މީޑިއާތަކުން ގެނެސްދޭނަމަ އެމީޑިއާއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.