ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި

ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން ތަޢާރަފްކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެގޮތުން ދިރާގުޕޭ މެދުވެރިކޮށް ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގުޕޭ މެދުވެރިކޮށް ފިޠުރު ޒަކާތް ދައްކަން ހަދަންޖެހޭ ގޮތަކީ، ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާއަށް ފިތާލާނީއެވެ. ޕޯޓަލް ހުޅުވުމުން އެމީހަކު ޒަކާތް ދައްކާވަރުގެ ތަފްސީލު ފުރިހަމަ ކުރުމަށްފަހު ދިރާގުޕޭ ވޮލެޓް ނަންބަރު އަދި ޕާސްވޯޑް ޖެހުމުން ޒަކާތް ދެއްކުނީއެވެ.

ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރުންނަށް، ޒަކާތް ދެކެވިއްޖެކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސް ގެ ޒަރީއާއިން ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
ދިރާގު “ramadanmv” އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ، އެއެޕްލިކޭޝަންގެ “zakat” ޖަހާފައި އިންނަ ޓެބަށް ފިތާލާނީއެވެ. އަދި ދިރާގު ޕޭ ޕޯޓަލް ހުޅުވުމުން ކުރިން ކިޔާދީފައިވާ ފަދައިން ކުރިއަށްގެންދާނީއެވެ.

އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިޠުރު ޒަކާތް ދެއްކޭ ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ 10 އާއި ހަމައަށް ކުރިއަށް ދާނެއެވެ.
މީގެއިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޕްރީޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސާފައިވެއެވެ. މިޚިދުމަތް ހޯދުމަށް ގުޅަން ޖެހޭނީ *123*8# އަށެވެ.



މިއަދު އޮންލައިން