އެމްޑީޕީ ގެ ރިޔާސީ ޕްރައިމެރީ ހުއްޓުވައިދޭން ފުލުސް އޮފީހުގައި އީސީން އެދިއްޖެ
މިއަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރޭ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީއިން މިއަދު ބާއްވާ އެޕާޓީގެ ރިޔާސީ ޕްރައިމެރީ އިލެކްޝަން ހުއްޓުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އިއްޔެ އެދިއްޖެއެވެ.
އެމްޑީޕީ ގެ ޕްރައިމެރީ ހުއްޓުވައިދޭން އީސީން އެދުނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފުރުސަތު ދީގެން ޕްރައިމަރީ ބާއްވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށްފަހުއެވެ. އެޕާޓީގެ ޕްރައިމަރީ ހަމައެކަނި ރައީސް ނަޝީދު ކުރިމަތިލެއްވިއިރު، ރައީސް ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް އީސީ އިން ވަނީ ކަނޑައަޅައިފައެވެ.
ކުރީގެ ރައީސް ނަޝީދަށް ފުރުސަތު ދީގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށް ބުނެ އީސީ އިން ފުލުހުންނަށް ސިޓީ ފޮނުވާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރުފަހު 14:00 ރާއްޖޭގެ ހުރިހާ ރަށަކާއި ބޭރުގެ ބައެއް ޤައުމުތަކުގައި ކުރިއަށް ގެންދަން އެމްޑީޕީ އިން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށާއި އެހެންކަމުން ރައީސް ނަޝީދު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީ އިން ހިންގުމަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.