މިއަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
އެޕާޓީގެ ޕްރައިމަރީ ވޯޓުލުން ފަށާފައިވަނީ ރާއްޛޭ ގަޑިން މިއަދު 14:00 ގައެވެ. މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ބޭރުގެ ބައެއް ޤަައުމު ތަކުގައި ވެސް ޕްރައިމަރީ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މިރޭ މެންދަމު 00:00 ވަންދެން ޕްރައިމަރީ އަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.
ޕްރައިމަރީ ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީ ގެ ޕްރައިމަރީ ހުއްޓުވާދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ އިއްޔެ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެއިންތިހާބު ހުއްޓުވާދެއްވުމަށް ކޯޓު އަމުރަކަށް ވެސް ސިވިލް ކޯޓުގައި މިއަދު އީސީ އިން އެދިފައިވެއެވެ.
އެކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އިލެކްޝަނުން އިއްޔެ ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ފޮނުވި ސިޓީއެއްގައި އެދިފައިވާނީ ޤާނޫނާ ޤަވާއިދާ ޚިލާފަށް އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދާނަމަ އެކަން ހުއްޓުވައި ދިނުމަށް ކަމުގައެވެ.
"އެމްޑީޕީ އިން އެބައޮތް ޔަގީންކަން ދީފައި ޤާނޫނާ ޚީލާފު ނުވާނެ ކަމަށް. އަޅުގަނޑުމެން އަދިވެސް މިބަލަނީ އެގޮތަށް ކަމަށް އެކަން އޮންނާނީ. އެއިރުން އަޅުގަނޑުމެން ވެސް އެއްބާރުލުން ދޭނަން" އީސީ ގެ މެންބަރު އަކުރަމު ވިދާޅުވިއެވެ.