ހެންވޭރުގެ ރަމްޒެއް ގޮތުގައި ފާހަގަ ކުރެވޭ ކައިރޭ ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 6ސ
ހެންވޭރުގެ ރަމްޒެއް ގޮތުގައި ފާހަގަ ކުރެވޭ ކައިރޭ ނިޔާވެއްޖެ
ހެންވޭރުގެ ރަމްޒެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބް ނިއު ރޭޑިއެންޓުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި މަޝްހޫރުވި ކައިރު ޅަތުއްތު (ކައިރޭ) މިއަދު ނިޔާވެއްޖެއެވެ.

ކައިރޭ ނިޔާވީ އޭނާގެ އަނބިމީހާގެ ރަށް ކަމުގައިވާ ރ. އުނގޫފާރުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ކައިރޭ ފަހަކަށް އައިސް ދިރިއުޅެމުން އައީ އެރަށުގައެވެ.

ކައިރު ޅަތުއްތު ނުވަތަ ކައިރޭ އަކީ އެސްޓީއޯގެ ވަޒީފާގައި ވެސް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރި ފަރާތެކެވެ. އޭނާއަކީ ހެންވޭރުގެ ބޮޑެއް ކަމަށްވާ ކައިރު ކުޑަތައްޚާނުގެ ދަރިއެކެވެ.

ކައިރޭ އަކީ އާންމުންނާއި ގުޅޭ ސަމާސާ މިޒާޖެއްގެ މީހެކެވެ. އޭނާ އޭނާގެ ގެއަށް ނަން ދިން ގޮތަކީ ވެސް މާލޭގައި މަޝްހޫރުވި ވާހަކައެކެވެ. އެގެއަށް "ހިތްހަލާކު" މިނަން ދޭން ހުށަހެޅުމުން އެނަން ފާސް ނުވުމުން، ގޭގެ ނަމަކަށް ދެން ހެދީ "ހިތްހަލާކު" ގެ އިނގިރޭސި ނަން "ބްރޯކަންހާރޓް" އެވެ. އަދި އެނަން ފާސްވެސް ވިއެވެ.

ކައިރޭގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިރޭ ރ. އުނގޫފާރު ގައި ކަމަށް މައުލޫމާތު ލިބެއެވެ.

މާތް ﷲ މަރްހޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި އާމީން. އަދި މިފަދަ ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
މިއަދު އޮންލައިން