ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި ހެކި ސިއްރު ކުރުމުގެ ދާއިމީ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ ހެކި ސިއްރު ކުރުމަށް ދާއިމީ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމުން، މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ފާރިސް ގެ މައްސަލައިގައި ހެކި ސިއްރު ކުރުމަށް ދާއިމީ އަމުރެއް މިއަދު ނެރުނުއިރު، އެމަނިކުފާނުގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ހެކި ސިއްރު ކުރެވޭނެ ހާލަތްތައް ޤާނޫނުގައި ބަޔާންކޮށްފައި ނެތްއިރު، ހެކި ކޯޓަށް ހާޒިރު ނުކޮށް ސިއްރު ކޮށްގެން ގެންދިޔުމަށް ކޯޓުން އަމިއްލައަށް ގޮތެއް ނުނިންމޭނެކަމަށް ވިދާޅުވެ ހެކި ސިއްރު ކުރުމުގެ އަމުރެއް ނެރުމާ ދެކޮޅު ހައްދަވާފައެވެ.
މިކަމާމެދު ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫވެ މުޖުތަމައުއަށް ނުރައްކާވެއްޖެނަމަ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ޤާޒީ ކަމުގައެވެ.