ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ 2016 ވަނަ އަހަރަށްވުރެ 2017 ވަނަ އަހަރު ލިބުނު ސާފު ފައިދާ މަދުވެގެން ދިއަ އެންމެ ބޮޑު ސަބަބަކީ އެސްޓީއޯގެ މައި ވިޔަފާރިކަމަށްވާ ތެލުގެ ވިޔަފާރީގައި ކުރިމަތިވި މައްސަލަތައް ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ތެލުގެ ބަޒާރުގައި އަގުތައް އުފުލެމުން ދިއަ ނަމަވެސް އެ ނިސްބަތުން ރާއްޖޭގައި ތެލުގެ އަގު ބޮޑުނުކުރާކަން ޝަހީރު ވަނީ ފާހަގަކުރައްވައިފައެވެ.
އެސްޓީއޯއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 288 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަހަރު ލިބިފައިވަނީ 211 މިލިއަން ރުފިޔާއެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯ އަށް މިދިއަ އަހަރު ލިބުނު ފައިދާ ކުޑަ ނަމަވެސް ކުރީއަހަރަށްވުރެ ހިއްސާއެއްގެ ފައިދާ ބޮޑުކޮށް ބަހަން ނިންމީ މިއަހަރުގެ ފުރަތަމަ ކްއާޓަރަށްވެސް ބަލައި މިއަހަރަކީ ވެސް ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށެވެެ. 2016 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 51 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބަހަން ފާސްކޮށްފައިވާ އަދަދަކީ ހިއްސާއަކަށް 4 ރުފިޔާ އިތުރު އަދަދެކެވެ.
މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކަށް ހޮވާފައިވަނީ ޢާއިޝަތު ފަޒީނާއެވެ. އޮޑިޓަރަކަށް ޢައްޔަނުކުރީ ފާއިތުވި 4 އަހަރުގެ ވެސް އޮޑިޓަރު ކޭޕީއެމްޖީއެވެ. ކޭޕީއެމްޖީ އާއި ހަވާލުކުރީ 48،320 ޑޮލަރަށެވެ.
މީގެ އިތުރުން ހިންގާ ޤަވާއިދަށް ގެންނަން ހުށަހެޅި 3 އިޞްލާހް ވެސް ވަނީ ފާސްކޮށްފައެވެ. މި އިޞްލާޙްތައް ފާސްކުރުމުން މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވާ ބޭފުޅަކަށް ސީއީއޯގެ މަޤާމްވެސް ލިބިގެންދާނެއެވެ.
ސީއެފްއޯ މުޙައްމަދު މިހާދު ވިދާޅުވީ އެސްޓީއޯއަކީ މުޅި ރާއްޖެއަށް ބެލި ނަމަވެސް އެންމެ ކުޑަ އިންޓަރެސްޓްގައި ލޯނު ނަގައި އަދި އެ ފައިސާ އިންވެސްޓްކޮށްގެން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުނި ކަމަށެވެ. "އެސްޓީއޯ އަށް ލީނު މިނަގަނީ 6.3 އިންޓަރެސްޓްގަ. ފައިދާއަށް ބަލައިފިނަމަ 15 އިންސައްތަ ފައިދާވޭ."
މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ މިހައި ކުޑަ އިންޓަރެސްޓްގައި ލޯނު ލިބެނީ އެސްޓީއޯ އިން ލޯނު ނަގައިގެން އިންވެސްޓްކުރަނީ ކުންފުންޏަށް ފައިދާ ލިބޭނެކަން ޔަޤީންވާ ކަންކަމަށްވާތީ ކަމަށެވެ. "މިދިއަ އަހަރަށް ބެލި ނަމަވެސް އެންމެ ބޮޑު އިންވެސްޓެއް ކުރީ ތެލުގެ ވިޔަފާރި ކުރިއަރުވައި އިތުރަށް ފުޅައުކުރަން. ފުނަދޫ ތަރައްޤީކުރުމުގެ އިތުރުން ބޮޑު ތެޔޮ ޓޭންކަރެއްވެސް އެވަނީ ގަނެފަ. އެކަންކަމުގެ ފައިދާ މިހާރުވެސް ދަނީ ލިބެމުން."
ހިއްޞާދާރުންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ކުންފުނީގެ ބޯޑުން ވަނީ ޖަވާބުދީފައެވެ. ކުންފުނީގެ ފައިދާ އިތުރު ކުރުމަށް ކުރެވިދާނެ އެއްވެސް ކަމެއް ހިއްޞާދާރުންގެ ފަރާތުން ހުށަހަޅާފައި ނުވުމުން ބޯޑުން ކުންފުނި ހިންގަނީ ވަރަށް ފުރިހަމައަށްކަން ހިއްސާދާރުން ޤަބޫލުކުރާކަން އެނގިގެންދިއައެވެ.