ބުނެވޭ ގޮތުން އެއީ ޔަމަނުގެ ސަނާ އާއި 6 ވަރަކަށް މޭލު ދުރުގައިވާ ބިމެކެވެ. ބިމަކީީ "ޟަރަވާން" އެވެ ކިޔުނު އަވަށުގައިވާ ބިމެކެވެ. އަލްޤަލް ސޫރަތުގެ 17 ވަނަ އާޔަތުން 32 ވަނަ އާޔަތަށް އެވަނީ މިކަމުގެ ވާހަކަތަކެވެ.
އެއީ ދަނޑުބިމެކެވެ. އެ ދަނޑުބިމުގެ ވެރިޔާއަކީ ވަރަށް ރަނގަޅު މާތް އަދި ދީލަތި މީހެކެވެ. އެހެންކަމުން ދަނޑުބިމުން ލިބޭ ތަކެތި ބަހަނީ 3 ބައަކަށެވެ. ފުރަތަމަ ބައި ފަޤީރުންނަށެވެ. ދެވަނަ ބައި އޭނާއަށާއި ޢާއިލާއަށެވެ. 3 ވަނަ ބައި ބަހައްޓަނީ އަލުން ގޮވާންކުރާނެ އޮށް ހޯދުން ފަދަ ކަންކަމުގައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ފަހަރަކުން ދަނޑުން ވަރަށް ރަނގަޅު އަދަދަކަށް ފައިދާ ލިބެއެވެ.
ދަނޑުވެރިޔާ މަރުވުމުން އޭނާގެ ދަރިންތައް އައިސް ދަނޑުބެލިއެވެ. އެމީހުންނަށް ފެނުނީ މުޅިދަނޑު ފުރެންދެން މޭވާއަޅައި ފުރިފައިވާ ތަނެކެވެ. އެމަންޒަރު ފެނުން އެމީހުންނަށް ވެގެން ދިއައީ ދަހިވެތިކަން އިތުރުކުރުވި ކަމަށެވެ.
އެކުދިން މަޝްވަރާކޮށް ހުވާ ކުރީ ހެނދުނު ހެނދުނާ އައިސް ދަނޑުގައި ހުރި ހުރިހާ ތަކެއްޗެއް ކަނޑައިގެން ގެއަށް ގެނދިއުމަށެވެ. އެންމެ ކުޑަމިނުން އިން ޝާ ﷲ! ވެސް ނުބުނެއެވެ.
ދަރިން ނިންމާފައި އޮތީ އެދުވަހު ދަނޑަށް މިސްކީނަކު ވަނަ ނުދިނުމަށެވެ. އަދި ފަޤީރުންގެ ބައި ނުދިނުމަށެވެ. އެމީހުން ދުށީ މިހުރިހާ ދުވަހު ފަޤީރުންނަށް ބައްޕަ ކުރި ޞަދަޤާތަކީ މޮޔަ ކަމެއް ކަމަށެވެ. އަދި ބައްޕަ އަމަލުކުރި ގޮތަށް ކަންތައްކުރަން ތާއީދުކުރި ހަމައެކަނި ދަރިފުޅު ވެސް އެއީ މޮޔައެއް ކަމަށެވެ.
އެމީހުން އެރޭ ފަތިހާ ތެދުވެ ދަނޑަށް ދިއުމުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. މުޅި ދަނޑު ވަނީ ކަޅުކުލައިގައެވެ.
"ފަހެ، އެއުރެން ނިދާފައި ތިއްބާ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ، ޙަޟްރަތުން ބަލާއެއް، އެބަގީޗާގެ މައްޗަށް އައެވެ. ދެން އެބަގީޗާގެ ގަސްތައް އަނދައި، ކަޅު އަނދިރި ރޭގަނޑެއް ފަދައިންވިއެވެ." (އަލް ޤަލަމް ސޫރަތުގެ 19- 20) އެ ދަނޑާއިމެދު ކަންތައްތައް ވެގެންދިއަގޮތް ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައިވަނީ މިފަދައިންނެވެ.
އެބިން އަދި މިއަދާއި ހަމައަށްވެސް މާތް ﷲ ލައްވަވާފައިވަނީ އެއްވެސް ދިރުމެއް ނެތް ކަޅު ތަނެއްގެ ގޮތުގައެވެ. އެބިމަށް ކިޔަނީ އަރުޝުއްސަރީމްއެވެ. އެ ބިންވަނީ ޔަމަނުގެ ޟަރަވާންގައެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންެގެ މިސްކިތުގައި އައްޝައިޚް މުޙައްމަދު މަންޞޫރު ދެއްވި ދަރުސުން.