މިއީ ކިހިނެއް ވެފައިހުރި މަންމައެއް ހެއްޔެވެ؟
"މަންމަ އަހަރެންގެ ގައަށް މިހިރީ ވަޅި ހަރާފަ" ކަމަށް އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކު އަވަށްޓެރިންގެ ކުރިމަތީގައި ހުރެގެން ބުނިއިރު ގައިގެ އެތައް މިތަނުން ލޭ ފައިބަނީއެވެ.
އަވަށްޓެރިން ފުލުހުންނަށް ގުޅުމުން އައިސް ކުއްްޖާ ވެގުތުން ހޮސްޕިޓަލަށް ގެންދިއައެވެ. އެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން އެއާރއެމްބިޔުލާންސެއްގައި 100 ކިލޯ މީޓަރު ދުރުގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދިނުމުން ކުއްޖާގެ ފުރާނަ މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.
އުމުރުން 34 އަހަރުގެ މަންމަ ހަމަ އެކަނި ބުނި ބަހަކީ އޭނާއަށް އެކަން ހައްޤެވެ. އިތުރު އެއްވެސް ބަހެއް ނުބުނެއެވެ.
އެއިގެ 2 ދުވަސްފަހުން މިދިއަ ހޮނިހިރު ދުވަހު ފުލުހުން ގޮސް ދޮރުގައި ޓަކި ޖެހުމުން ދޮރެއް ނުހުޅުވިއެވެ. ދޮރުވައްޓާލައިގެން ވަދެ ބެލިއިރު ބިޔަ އެނދެއްގައި މަންމަ އޮތެވެ. ފަޔާއި އަތުގެ 4 ތަނެއްގައި ހުރީ ކަޓަރު އަޅައިފައެވެ. ލޭ ފައިބައެވެ. އުމުރުން 14 މަހުގެ ދަރިފުޅު ގާތުގައި އޮތެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ބުނީ އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ވިހަ ގޭހެއްގެ އަސަރު އެތެރެހަށީގައި އެބަހުރި ކަމަށެވެ.
ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭތީ ފުލުހުން އެއްވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ މިހާރުވަނީ ޖަލުގައި ބަންދުކޮށްފައެވެ.
މިއީ އެމެރިކާގެ އޮރެގަން ސިޓީގެ އަވަށެއްގައި ހިނގާފައިވާ ހާދިސާއެކެވެ.