ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދަކުން ޖޫރިމަނާ ކުރަމުން ދިޔުމަކީ މިނިވަން މީޑިއާއަކަށް އަޅާ ހުރަހެއް- ސަމީރު
ރާއްޖޭގެ ނޫސްވެރިންނަށް އިންޒާރުދީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ގެނެސްދިނުމަށް ބާރުއަޅާ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
ޖޭޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރަމުން ދިޔުމަކީ މިނިވަން މީޑިއާ އަކަށް އަޅާ ހުރަހެއް ކަމަށެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހޯމް މިނިސްޓަރުގެ ފުރިހަމަ ޒިންމާ އަދާކުރައްވަން ޖެހޭނެ ކަމަށް ޖަލުތަކާ ޕެރޯލްގެ ޤާނޫނުގައި ބަޔާން ކޮށްފައި އޮންނައިރު ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅާ އެޒިންމާއިން ރެކިވަޑައިގެން ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ޖައްސާ އިންޒާރު ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުން ބޭނުންހާ ގޮތަކަށް ޤާނޫނުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ދިޔުމަކީ ބްރޯޑްކޮމް ގެ މައްޗަށް ރައީސް ޔާމީން ގެ ނުފޫޒު ފޯރާފައި އޮތް މިންވަރު" ޖޭޕީ ގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވިއެވެ.