ހއ. އިނަފިނޮޅުގެ ފަރަށް އެރި ބޯޓެއްގައި ރޯކޮށްލާ ބޯޓުގައި ތިބި މީހުން މޫދަށް ފުންމާލައިފި
ހއ. އިނަފިނޮޅުގެ ފަރަށް އެރި ބޯޓެއްގައި ރޯކޮށްލާ ބޯޓުގައި ތިބި މީހުން ފިލަން ވެގެން މޫދަށް ފުންމާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައިވަނީ ބޭރު ޤައުމެއްގެ ބޯޓެކެވެ. އަދި އެމީހުން އެބޯޓުގައި ރޯކޮށްލީ ބޯޓު ކައިރިއަށް ސިފައިން ދިޔުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ބޯޓެއް ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 6:00 ގައެވެ. ބޯޓުގައި އަށް މީހުން ތިބިކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެބޯޓު ފަރަށް އަރާފައި އޮއްވާ ފުރަތަމަ ފެނުނީ ހއ. އަތޮޅުން މަސްވެރިކަމަށް ނިކުމެ އުޅުނު ބަޔަކަށެވެ. އެއީ ލަންކާ ބޯޓެއް ކަމަށް ބެލެވޭ ކަމަށް އެމީހުން ބުނެފައިވެއެވެ.
މިބޯޓާއި ގުޅޭ މައްސަލަ އިތުރަށް ބަލަމުން ދަނީ ފުލުހުން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.