އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ރޭ ދަންވަރު އިއުލާން ކޮށްފިއެވެ.
އެމްޑީޕީ ގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ، އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ވާދަ ކުރެއްވި ހަމައެކަނި ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ވާދަކުރެއްވީ ހަމައެކަނި ކުރީގެ ރައީސް ނަޝީދު ކަމަށްވާތީ، އެޕާޓީގެ މެންބަރުންގެ މެދުގައި ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.
ރިޔާސީ ޕްރައިމެރީގައި ބައިވެރިވި އެޕާޓީގެ މެންބަރުންގެ ތެރެއިން 43922 މީހުން، ރައީސް ނަޝީދަށް އެޕާޓީގެ ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް ވޯޓު ދީފައިވާ އިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 14 މީހުން ކަމަށް ވެސް އެމްޑީޕީ އިން ބުނެފައިވެއެވެ. އަދި 75 މީހުން ބާތިލު ވޯޓު ލާފައިވާއިރު، ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ 99.8 އިންސައްތަ ތާއީދާއެކު ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.