ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ މިރޭގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މިރޭ 21:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކުރެވުނީ މިތިން ބޭފުޅުންގެ ފޯނު ފުލުހުން ބަލައިފާސް ކުރުމަށް ދޭން އިންކާރު ކުރި މައްސަލައިގައި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގެ ދައުވާއެވެ.
އެގޮތުން އެމައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. މިމައްސަލައިގެ ރޭގެ އަޑުއެހުމުގައި ވެސް ސިއްރު ތިން ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވެއެވެ.
ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަޔް ކުރެއްވި ހުރިހާ ދިފާއީ ވަކީލުން ވަނީ އެމައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މައްސަލަ ދޫކޮށްލައި ވަޑައިގެންފައެވެ. އެތިން ބޭފުޅުންގެ ވަކީލުން މައްސަލަ ދޫކޮށްލުމުން ރޭގެ އަޑުއެހުމުގައި ހެކީންނާއި ސުވާލު ކުރުންފަދަ ކަންތައް ކުރެއްވީ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގެ ދައުވާ އެތިން ބޭފުޅުންގެ މައްޗަށް ސާބިތުވެއްޖެނަމަ. އެބޭފުޅުންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މައްސަލައިގެ އަޑުއެހުން މިރޭ ކްރިމިނަލް ކޯޓުން ކެންސަލް ކުރިނަމަވެސް، ކެންސަލް ކުރެއްވި ސަބަބު އަދި އެނގުފައެއް ނުވެއެވެ.