ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުވާ، އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައްލަވާލައްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެމަޝްރޫއުގެ މަސައްކަތް މިނިސްޓަރު ޒަމީރު ބައްލަވާލައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިމަސައްކަތް ބައްލަވާލެއްވުމުގައި ޓޫރިޒަމް މިނިސްޓަރު އަރިހުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީއިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު އާއި ބެހޭގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހެޑް، ރިޓަޔާޑް ކޮމިޝަނަރު އޮޕް ޕްރިޒަން، މުޙައްމަދު ހުޝާމް ވިދާޅުވޯ މިވަގުތު ކުރިއަށްދަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގެ ސަބް ގްރޭޑިންގް މަސައްކަތް ކަމަށާއި އެރަށުގައި އަޅާ 1.2 ކިލޯމީޓަރުގެ ރަންވޭގެ 800 މީޓަރުގެ ސަބްގްރޭޑިންގް މަސައްކަތް ނިންމާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް އެމްޓީސީސީ އިން ނިންމަން ޖެހެނީ 160 ދުވަހުގެ ތެރޭގައެވެ. މިއީ 53.9 މިލިއަން ރުފިޔާއަށް ހަވާލު ކުރެވިފައިވާ މަޝްރޫއުއެކެވެ.